މައިންބަފައިންނަށް އިހާނެތިކޮށް ހިތާނަމަ ދެ ދުނިޔޭގެ އުގޫބާތް ލިބޭނެކަން ހަނދާންކޮށްދީ، މިއަދުގެ ހުކުރު ޚުތުބާ 'މައިންބަފައިންނަށާއި ގާތްތިމާގެ މީހުނަށް ހެޔޮކޮށް ހިތުން' މި މައުޟޫއަށް ހާއްސަކޮށްފިއެވެ.

ހުތުބާގައި ބުނީ މައިންބަފައިންނަށް ކަމޭހިތައި އަޅާލުމަކީ ކާބަފައިންގެ ހާއްސަ ސިފައެއް ކަމަށެވެ.

"ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށްފަހު ދެން އެންމެ އިސްކަމެއް ދޭން ޖެހޭ ހައްގަކީ މައިންބަފައިންނަށް ކަމޭހިތުމާއި އޯގާތެރިވުން،" ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، މާތް ﷲ އަށް އަޅުކަން ކުރުމަށް އެންގެވި އަމުރުފުޅާ ވިދިގެން، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އަމުރު ކުރައްވާފައި ވާކަމަށެވެ.

މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމަކީ ހެޔޮކަމާއި ލާބައިގެ ގިނަ ދޮރުތަކެއް ހުޅުވޭ ކަމެއްކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އެހެންކަމުން މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމަކީ އެއްވެސް ބުރަކަމަކާ ނުލައި ރިޒުގު ތަނަވަސްވާ ކަމެއް ކަން ރަސޫލާގެ ހަދީޘްފުޅުން އެނގެން އޮތުމުން، އެގޮތަށް ކަންތައް ކުރުމަށް ހުތުބާގައި ގޮވާލިއެވެ.

މައިންބަފައިންގެ ހުއްދަ ނުހޯދައި ދަތުރު ނުކުރުމަށާއި ހުއްދަ ނުލިބޭ ނަމަ ކައިވެނި ނުކުރުމަށް ކީރިތި ރަސޫލާ އަންގަވާފައިވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ. ނަމަވެސް މިއަދު ބައެއް މީހުން މައިންބަފައިންނަށް އިހާނެތިކޮށް ހިތާކަން ހުތުބާގައި ފާހަގަ ކުރިއެވެ.

ބައެއް ދަރީން އެމީހުންގެ މައިންބަފައިން މުސްކުޅިވުމުން އަޅާނުލައި ގެއިން ބޭރުކޮށްލާ ކަމަށާއި ދަރިންނަށް ތަނަވަސްކަން ލިބި، މައިންބަފައިންނަށް ހަރަދު ނުކުރާ ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ބައެއް ދަރީން، މައިންބަފައިންގެ ކުރިމަތީގައި ޒުވާބުކޮށް، ސަރުކާރުން ދޭ އިނާޔަތް ވެސް މައިންބަފައިންގެ އަތުން އަތުލާކަން ހުތުބާގައި ފާހަގަ ކުރިއެވެ. ހުތުބާގައި ބުނީ އެއީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

މައިންބަފައިންނަށް ކަމޭހިތުމުގެ ތެރޭގައި، އެމީހުން ދުނިޔެ ދޫކުރުމުންވެސް އެމީހުންގެ މައްޗަށް ހެޔޮދުއާ ކުރުމާއި އެމީހުންގެ ގާތް މީހުންނާއި ރަހުމަތްތެރިންނަށް ހެޔޮކޮށް ކަންތައް ކުރުން ހިމެނޭކަމަށް ހުތުބާގައި ބުންޏެވެ.

"ގާތްތިމާގެ މީހުންނާ ގުޅުން ކެނޑުމަކީ ގިޔާމަތް ދުވަހުން ސުވަރުގެ ވަނުމުން މަހުރޫމު ވެގެން ދާނެ ކަމެއް،" ހުތުބާގައި ބުންޏެވެ.

ޒަމާން ބަދަލުވެ، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ އެހީގައި ވެސް މިހާރު ގާތްތިމާގެ މީހުންގެ ހާލު ބެލޭނެ ކަމަށާއި ގުޅުން ބަދަލި ކުރެވޭނެ ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.