ރިޔާސީ އިންތިޚާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާކަމަށް އާދެވޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ސްކޫލްގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އަބަދު އޮތުމަށް ރައްޔިތުން ގޮވަމުންދާ ގޮވުން ކަނުލައި އަޑުއަހަންޖެހޭ ކަމަށެވެ.

"އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް އޮތުމަށް، ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށް ވެސް އޮތުމަށް އެ ގޮވާ ގޮވުން ކަނުލާ އަޑުއެހަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރުގެ ގާނޫނު އަސާސީގައިވާގޮތުންނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ވާނީ 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިގެންނެވެ. އަދި އެ އަދަދަށް ވޯޓު ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުން ދާންޖެހޭނީ ދެވަނަ ބުރަކަށެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފިނަމަ ދެން އެމްޑީޕީ ވެރިކަމުގައި ނޯންނާނެ ކަމަށް ދާދިފަހުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ގާނޫނު އަސާސީއަށް މިފަދަ އިސްލާހެއް ގެންނަން އެމަނިކުފާނު ބޭނުންފުޅު ވަނީ އެމްޑީޕީ ނޫން ޕާޓީއަކަށް ވެރިކަން ލިބުމަށް ހުރަސްއެޅުމަށް ކަމަށް ބެލެވެއެވެ.