03 Mar 2010, 11:14
10:00
ރަށުގެ ތަރައްޤީގައިވެސް އަދި ޤައުމުގެ ތަރައްޤީގައިވެސް ފުރިހަމަ ކާމިޔާބީއެއް ލިބޭނީ ދަރިންނަށް ރަނގަޅަށް ތަޢްލީމެއް ދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އުތުރުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު ށ. މިލަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، 2010 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އަމާޒަކީ، ސެކަންޑަރީ ސްކޫލް އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ 40 އިންސައްތަ ކުދިންނަކީ، ފަސް މާއްދާއިން "ސީ" ފާހުން މަތީގެ ނަތީޖާ ލިބޭ ކުދިންނަށް ހެއްދެވުން ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން، މިލަންދުއަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ، އެރަށުން މި އިމްތިޙާނުތަކުގައި ބައިވެރިވާ ކުދިންގެ 60 އިންސައްތަ ކުދިންނަކީ، ފަސް މާއްދާއިން "ސީ" ފާހުން މަތީގެ ނަތީޖާއެއް ހޯދާ ކުދިން ކަމަށް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މި އަމާޒަށް މަސައްކަތް ކުރެއްވުމުގައި، ސަރުކާރުން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، މިހާރުވެސް މިލަންދޫ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި، ސްކޫލްގެ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުން، ސްކޫލާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަތުރު ފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅުވާލުމަކީ، ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، މިލަންދޫ ހިމެނޭގޮތަށް އެ އަތޮޅުގައި ދަތުރުފަތުރުގެ ނިޒާމް ވަރަށް އަވަހަށް ޤާއިމް ވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.
ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މަތީފެންވަރުގެ ޞިއްޙީ މަރުކަޒުތައް ޤާއިމު ކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ 38 ރަށުގެ ތެރޭގައި މިލަންދޫ ހިމެނޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިލަންދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.