އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެމްއެންޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގާއި ވާދަކުރުމަށް ދައުވަތު ދީފިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ބާއްވާ ޕްރައިމަރީ މިއަހަރުގެ ތެރޭގައި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ކާނަލް ނާޒިމް ވިދާޅުވީ އެ ޕާޓީން ބާއްވާ ހުރިހާ އިންތިޚާބެއް ވެސް ބާއްވާނީ ދެފުށް ފެންނަ ގޮތެއްގެ މަތިންކަމަށެވެ.

"މި ޕާޓިގަ ކޮންމެ އިލެކްޝަނަކީ ވެސް އަޅުގަނޑުމެން ވަރަށް ދެފުށް ފެންނަ ގޮތެއްގައި ބޭއްވޭނެ އިލެކްޝަނެއް،" ކާނަލް ނާޒިމް ވިދާޅުވިއެވެ.

އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވެފައިވާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު ދޭނެކަމަށާއި، އެ ޕާޓީ އަކީ އަބަދުވެސް ހުޅުވިފައިވާ ޕާޓީއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ އުސޫލުތައް ހަމަޖެހިވާގޮތުން އިންތިޚާބަށް ވަގުތު ކިތަންމަ ކުޑަތަންވެފައި ވަނިކޮށް ވިޔަސް އެ ޕާޓީއާ ގުޅިއްޖެނަމަ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދެވޭނެކަމަށް ކާނަލް ނާޒިމް ވިދާޅުވިއެވެ.

މިއީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެންޑިޑޭޓެއް ނެރުމަށް ބާއްވާ ޕްރައިމަރީގެ ވާހަކަ ރަސްމީ ހައިސިއްޔަތުން އެ ޕާޓީން ދެއްކި ފުރަތަމަ ފަހަރެވެ.