ލޭ ބޭނުންވާ މީހުންނަށާއި ލޭ ހަދިޔާކުރާ މީހުންނަށް ޚާއްސަކޮށް އަހުމަދު އަނަސް ހަބީބު ތައާރަފްކުރި "ތިކި" އެޕަކީ އޭނާގެ އަމިއްލަ ޚިޔާލެއް ނޫންކަމަށާއި އެއީ ވައްކަމެއް ކަމަށް ބުނެ އެ މައްސަލަ ފޮނަދޫ ކޯޓަށް ހުށަހަޅަިފިއެވެ.

"ހަދިޔާ އެމްވީ" ވެބްސައިޓްގެ ވެރިޔާ ޔޫސުފް ހަލީލް ހުށަހެޅި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ.

"ސަން"އާ ވާހަކަ ދައްކަމުން ޚަލީލް ބުނީ ދެ ހަފްތާއެއްހާ ދުވަސްތެރޭ އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމާނެ ކަމަށެވެ.

ޚާލިލު ބުނީ "ހަދިޔާ އެމްވީ" ވެބްސައިޓަކީ ލޭހަދިޔާކުރަން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން އޭނާ އުފެއްދި ވެބްސައިޓެއް ކަމަށެވެ. އަދި އެ ވެބްސައިޓުގެ މޮބައިލް އެޕްލިކޭޝަނެއް ހެދުމަށް އަނަސްއާ ހަވާލުކުރުމުން އޭގައި ހުރި މައުލޫމާތުތައް ކޮޕީކޮށްގެން "ތިކި"ގެ ނަމުގައި އެޕެއް ތައްޔާރުކުރީ ކަމަށް އޭނާ ތުހުމަތުކުރިއެވެ.

"ހުރިހާ ޕްލޭން އެއް ނިންމާފަ އަޅުގަނޑު ދިޔައީ މިހާރު 'ތިކި' އެޕްލިކޭޝަންގެ ފައުންޑާކަމަށް ދައުވާކުރާ އަނަސް ކައިރިއަށް. އޭނައަކީ ވެބްސައިޓް ކަންތައް ކޮންމެސް ވަރަކަށް ކުރާމީހެއްވީމަ،" އޭނާ ބުންޏެވެ.

ޚަލީލް ބުނީ "ހަދިޔާ އެމްވީ" ވެބްސައިޓް ހަދަން އެދުމުން އޭނާ ބޭނުންވާގޮތަށް އެ ވެބްސައިޓް ފަރުމާކުރަން ނޭނގޭ ކަމަށް އަނަސް ބުނި ކަމަށެވެ. އެހެންވެ އެ ވެބްސައިޓް ފަރުމާކުރީ އެހެން މީހަކު ލައްވައި ކަމަށް އޭނާ ބުންޏެވެ.

ވެބްސައިޓް ފަރުމާކޮށް ނިމިފައި ވަނިކޮށް، އެ ވެބްސައިޓްގެ އެޕްލިކޭޝަނެއް ހަދައިދެވިދާނެ ކަމަށް އަނަސް ބުނުމުން އޭނައާ އެ މަސައްކަތް ހަވާލުކުރި ކަމަށް ޚަލީލް ބުންޏެވެ.

"އަނަސްއާ އެ މަސައްކަތް ހަވާލުކުރިފަހުން މަސައްކަތް މަޑުޖެހިފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު މީހެއްގެ ފަރާތުން ދެން އިވުނީ 'ތިކި' އެޕްލިކޭޝަން ލޯންޗްކުރަން އުޅޭ ވާހަކަ،" ޚަލީލް ބުންޏެވެ.

"ތިކި" އެޕް އިފްތިތާހުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ކޯޓަށް މައްސަލަ ހުށަހެޅި ޚަލީލް ކުރާ ތުހުމަތުތައް އަނަސް ވަނީ ދޮގުކޮށްފައެވެ.

އޭނާ "ސަން"އަށް ބުނީ އެ މައްސަލަ ދެ ހަފްތާގެ ތެރޭގައި ކޯޓުން ނިންމާނެ ކަމަށް ބުނެފައިވާ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި ޚަލީލު ހުށަހެޅި ދެ މައްސަލާގައި ހުކުމް ކުރާނެ ދުވަހެއް ކޯޓުން އަންގާފައިނުވާ ކަމަށް ވެސް އަނަސް ބުންޏެވެ.