10 Feb 2022, 19:41
ލިއޯންއަށް ކުޅެމުން އަންނަ ސްވިޓްޒަލޭންޑްގެ ޒެރްޑަން ޝަގީރީ އެމެރިކާގެ ޝިކާގޯ ފަޔާއަށް ބަދަލުވެއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅުނު ޝަގީރީ އެ ޓީމު ދޫކޮށް ލިއޯންއަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.
ލިއޯން ދޫކޮށް މެޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ ޝިކާގޯ ފަޔާއަށް އޭނާ ބަދަލުވީ ހަތް މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. މި ޓްރާންސްފާއާއެކު އޭނާ ވެފައިވަނީ ޝިކާގޯ ފަޔާގެ ތާރީޚްގައި އެ ކްލަބަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
ޝަގީރީ އޭނާގެ ކެރިއަރު ފެށީ ސްވިޓްޒަލޭންޑްގެ އެފްސީ ބާސެލް އިންނެވެ. އޭނާ ވަނީ ލިޔޯން، ލިވަޕޫލް، ބަޔާން މިއުނިކް، އިންޓަ މިލާން އަދި ސްޓޯކް ސިޓީއަށް ކުޅެދީފައެވެ.
ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެދިން 52 މެޗުގައި އޭނާ ވަނީ 11 ގޯލުޖަހާފައެވެ. ސްޓޯކް ސިޓީއަށް 84 މެޗުން އޭނާ 15 ލަނޑު ޖެހިއިރު، ލިވަޕޫލްއަށް ކުޅުނު 45 މެޗުން ހަތް ގޯލު ޖެހިއެވެ. އެންމެ ފަހުން ކުޅުނު ލިއޯންއަށް އޭނާ ކުޅެދިން 11 މެޗުން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
ސްވިޓްޒަލޭންޑްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޝަގީރީ ވަނީ ގައުމީ ޓީމާއެކު 100 މެޗު ހަމަކޮށްފައެވެ. 100 މެޗުން އޭނާ ވަނީ ގައުމީ ޓީމަށް 26 ގޯލު ޖަހާފައެވެ.