ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު ވާދަކުރައްވަން ނިންމަވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިވަގުތު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ދައުރު މިއަދުގެ ނިޔަލަށް ހަމަވާއިރު، އޭނާ އެ މަގާމަށް އިންހާބު ކުރީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުކުރާ ބޭފުޅަކަށް ލިބޭނީ ފަސް އަހަރުގެ ދައުރެކެވެ.

ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ވެސް ކުރިމަތި ލައްވާނެ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް ޝާހިދު މިއަދު ވަނީ އިތުރު މަގާމަކަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަމެއް ނެތްކަން ހާމަ ކުރައްވާފައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނަނީ އިންތިޚާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެ އިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށެވެ.

މިރޭ ބާއްވަން ނިންމާފައިވާ އެމްޑިޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ އިސް މަގާމު ތަކަށް މެންބަރުން އިންތިހާބު ކުރުމަށް ޓަކައި އިންތިހާބުތައް ބާއްވާނެ ތާރީޚެއް ކަނޑައަޅާނެއެވެ.

އެ މަގާމުތަކުގެ ތެރޭގައި ޗެއާޕާސަން މަގާމުގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި ރިޔާސީ ޕްރައިމަރީގެ އިންތިޚާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގެ އިތުރަށް އަންހެނުންގެ ރޫހުގެ އިންތިހާބު ހިމެނެއެވެ.