10 Feb 2022, 20:33
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ މި ބަލީގައި މި މަހުގެ ތެރޭގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ދިހައަކަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޏ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ފިރިހެނަކު މިއަދު މެންދުރު 11:42ގައި މަރުވެފައިވާ ކަމަށެވެ.
މި މަރާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 287އަށް އަރާފައެވެ.
މި މަހުގެ ފުރަތަމަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާހޯދަމުން ދިޔަ ދެ މީހުން މަރުވިއެވެ. އަދި މިމަހުގެ ދެވަނަ ދުވަހު ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ ފިރިހެނަކު މަރުވެފައިވެއެވެ.
މިމަހުގެ ތިންވަނަ ދުވަހާއި ފަސްވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުންދިޔަ ދެ މީހުން މަރުވިއެވެ. މި މަހުގެ ހަވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީން ތިން މީހަކު މަރުވިއެވެ. އަދި މިމަހުގެ އަށްވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީން އިތުރު މީހަކު މަރުވެފައިވެއެވެ.
އޮމިކްރޯން ވޭރިއެންޓާއެކު ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު މިވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް މި ބައްޔަށް ރާއްޖެއިން 1096 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 338 މީހުނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުނެވެ.
މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 16،095އަށް އަރާފައެވެ. މީގެތެރެއިން 60 މީހުނަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެނެވެ.