ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވާފައިވާއިރު, ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރާއެކު ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅައިފިއެވެ.

ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާފައެވެ. އެ ދައުވާގައި ސާފުނުވާ ކަންތައްތަކެއް ހުރުމުން ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ އެކަންތައްތައް ސާފު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެއާއެކު ދައުލަތުން ވަނީ ދިފާއުން ސާފުކޮށްދިނުމަށް އެދިނު ކަންތައްތައް ސާފުކޮށްދެއްވާފައެވެ.

ދައުވާއަށް ޖަވާބުދާރީވަމުން މިނިސްޓްރު މަހްލޫފް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

މަހްލޫފްގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ ސަފްހީ ހަތް ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ މުހައްމަދު އައްލާމް ލަތީފް އާއި އަހްމަދު އިޝްފާހް އަލީ ވެސް ހިމެނެއެވެ. ދެން ހިމެނެނީ މަހްލޫފް ޑޮލަރު މާރުކުރިކަމަށް ބުނެ ހުށަހެޅި ރިސިޕްޓްގައި ސޮއިކޮށްފައިވާ, ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން މޯބައިލް ފޮރިންސިކް ތައްޔާރުކުރި މީހާއެވެ.

އަނގަބަހުން ހެކިބަސްދޭ ހަތް މީހެއްގެ ނަން ދައުލަތުން ހުށަހަޅާފައިވާއިރު, ކިތާބީ ހެކީގެ ގޮތުގައި 29 ހެއްކެއް ވަނީ ހުށަހަޅާފައެވެ.

އެ ދައުވާ މަހްލޫފްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތު ކޮށްފައެވެ.

ދައުލަތުން ވަނީ މަހްލޫފް އާއި އަދީބު މުއާމަލާތްކޮށްފައިވާ ޗެޓް ލޮގްތަކެއް ވެސް ހުށަހަޅާފައެވެ. އެއަށް ހަވާލާދީ ދައުލަތުން ބުނެފައިވަނީ, ވޯޓް ލުމުގެ އެއް ދުވަސްކުރިން މަހްލޫފް ވަނީ ރާއްޖެ އައިސްފައި ކަމަށާއި އަދި ވޯޓު ނެގި ދުވަހު ނޫން އަނެއް ދުވަހު އެ ފައިސާ މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

މިދިޔަ ދައުރުގެ މެންބަރުން އަގުމަގުކޮށްފައިވަނީ ފަސް ލައްކަ ރުފިޔާގެ ރޭޓުންކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލް ވިދާޅުވީ, މަހްލޫފަށް އެ ފައިސާ ޑޮލަރުން ދީފައިވަނީ އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހޭ ކަމަށް އަދީބު އަރިހުގައި ދެންނެވުމުން ކަމަށެވެ.

މަހްލޫފްގެ ފަރާތުން ވަނީ ދިފާއުގައި ބައެއް ހެކިތައް ހުށަހަޅުއްވަން ބޭނުންވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ. އޭގެ ތެރޭގައި އިޝްފާހުއާއި އައްލާމް, ފުލުހުންނަށް ދީފައިވާ ބަޔާން ހިމެނޭ ކަމަށް ވަކީލް ވިދާޅުވިއެވެ. އަދި ލިޔުމުން ހެކި ހުށަހެޅުއްވުމަށް އިތުރު ވަގުތު ދިނުމަށް ވަކީލް އެދިވަޑައިގަތެވެ.

މިއަދުގެ އަޑުއެހުމުގައި މަހްލޫފް ވިދާޅުވީ, މަޖިލީހުގައި މެންބަރަކު ވޯޓުލާ ގޮތަކާ މެދު ސުވާލެއް ނުވަތަ ޝަރީއަތެއް ވެސް ނުހިންގޭނެ ކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ. އަދި ރިޝްވަތުގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށް އޭނާ ބުނަމުންއި ބުނުން މަހުލޫފް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ތަކުރާރުކުރެއްވިއެވެ.

އެ މައްސަލައިގައި ދެން އޮންނާނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްތޯ ނުވަތަ ނޫންތޯ ނިންމުމެވެ. އެ މައްސަލައިގައި ގިނަ ލިޔެކިޔުންތަކެއް ހުރުމުން ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަން ގާޒީ މުހައްމަދު މިސްބާހު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ނިންމާލިއިުރު, އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނެ ތާރީޚެއް ގާޒީ އިއުލާނެއް ނުކުރައްވައެވެ.