10 Feb 2022, 15:51
ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމާމެދު ފެންނަ، ނުފެންނަ ގޮތެއް ބެލުމަށް ވޯޓަކަށް ދިއުމަށާއި ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ނުގޮސް ފަސޭހައިން ކާމިޔާބު ކުރެވޭނެ ގޮތެއް ކަނޑައެޅުމަށް ގާނޫނު އަސާސީ އިސްލާހު ކުރަން ފާސްކުރުމަށްޓަކައި އެމްޑީޕީގެ ހާއްސަ ކޮންގްރެސްއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ގިނަ އިސްލާހުތަކެއް ހުށަހަޅުއްވަން ނަޝީދު ވަނީ ނިންމަވައި އެކަން އެ މަޖިލީހުގެ މެމްބަރުންނާ މިއަދު ހިއްސާ ކުރައްވައިފައެވެ. ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވި އިސްލާހުތަކާއެކު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުން މިހާރު ވެސް ލަސްވެފައިވާ ކަމަށެވެ.
އެހެންކަމުން އެމަނިކުފާން ބޭނުންފުޅުވާ ބަދަލުތައް ގެނައުމަށްޓަކައި އެ ޕާޓީގެ ކޮންގްރެސްއެއް އަންނަ ޖޫން މަހުގެ ކުރިން ބޭއްވުން މިރޭ ހުށަހަޅަން ނަޝީދު ވަނީ ނިންމަވައިފައެވެ.
ނަޝީދު ހުށަހަޅުއްވާ އިސްލާހުތައް
* މިނިވަން މުއައްސަސާތަކުގެ އަދަދުތަކާއި އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ފާސް ކުރުން. ހާއްސަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން.
* ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން.
* ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމުލަ ވޯޓްގެ 30 ޕަސެންޓަށް ވުރެން އިތުރަށް ވޯޓް ހޯއްދަވާ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓްކަމުގައި ކަނޑައަޅަން ގާނޫނު އަސާސީ އިސްލާހު ކުރުން ގައުމީ މަޖިލީހުން ނިންމުން.
އެއްވެސް ކެންޑިޑޭޓްއަކަށް 30 ޕަސެންޓްގެ ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އޭގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯދާ ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކުރީ ކަމަށް ނިންމަން ގާނޫނު އަސާސީ އިސްލާހު ކުރުން.
* ލާމަރުކަޒީ އިތުރު އުސޫލްތައް ގާނޫނު އަސާސީގައި ކަނޑައެޅުން.
* ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެ ވޯޓް ނަގާނެ ތާރީހެއް، އަދި އެ އިންތިހާބުގެ ނަތީޖާއާ އެއްގޮތައް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން.
މިހާރު ގާނޫނު އަސާސީ ބުނާގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެކެވެ. އެގޮތަށް ނިންމީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ނަމަވެސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ.
ގާނޫނު އަސާސީ މިހާރު ބުނާގޮތުން ރާއްޖޭގެ ރައީސް ކަމަށް އާދެވޭނީ ރިޔާސީ އިންތިހާބުގެ ވޯޓުގެ ޖުމުލަ 51 ޕަސެންޓް ކާމިޔާބު ކުރާ މީހަކަށެވެ. އެ ނޫންނަމަ ޖެހޭނީ ދެ ވަނަ ބުރަކަށް ދާންށެވެ. ދެ ވަނަ ބުރަކަށް ނުގޮސް އަދި ކޯލިޝަނަކާ ނުލައި މިފަހުން ވެރިކަމެއް އެއްވެސް ޕާޓީއަކަށް ނުލިބެއެވެ.
ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާން ގަބޫލު ކުރައްވާ ގޮތުގައި ރިޔާސީ ޕްރައިމެރީ ބޭއްވުން ރަގަޅުވާނީ ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭ ގޮތުން ބާއްވާ ކޮންގްރެސް އަދި އެ ކޮންގްރެސް ބުނާ ވެރިކަމުގެ ނިޒާމު ގުޅޭ ފެންނަ ނުފެންނަ ވޯޓަށް ފަހުގައި ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ކޮންގްރެސްގެ ކަންކަން ނިވި،
2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ރިޔާސީ ޕްރައިމެރީ ބޭއްވުން ބުއްދި ވެރި،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ ބޭއްވުމަށް ނިންމާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ. އެ ބައްދަލުކުރެއްވުމުގައި ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ވޯޓު ބާއްވާނެ ދުވަހެއްގެ އިތުރުން ގިނަ ނިންމުންތަކެއް ނިންމަން ވަނީ އެޖެންޑާ ކޮށްފައެވެ.