އިންޑިއާގެ ކަރްނާޓަކާގައި ބުރުގާ އަޅައިގެން ކޮލެޖަށް ނުދެވޭނެކަމަށް އެންގުމުން އެ ސްޓޭޓުގެ މުސްލިމް އަންހެން ދަރިވަރުންތަކެއް އިހުތިޖާޖުކޮށްފިއެވެ.

ހަތަރު ދުވަސް ވަންދެން 28 މުސްލިމް އަންހެން ދަރިވަރުން ކުރި މި އިހުތިޖާޖުގައި އަޑުއުފުލާފައިވަނީ ބުރުގާ އަޅައިގެން ކޮލެޖަށް ދެވޭނެކަމަށް ބުނެއެވެ.

ކަރްނާޓަކާގެ ޖޫނިއާ ޕްރީ ޔުނިވާސިޓީ ކުރިމަތީގައި މި އިހުތިޖާޖު ކުރިއަށް ގެންދިޔައީ އެ ސްޓޭޓުގެ ކޮލެޖަކަށް ބުރުގާ އަޅައިގެން ދިޔަ ދަރިވަރުން ކްލާހަށް ނުވެއްދި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ކަރްނާޓަކާގެ އެ ޔުނިވާސިޓީގައި ބުރުގާ އަޅައިގެން ކްލާހަށް ދިއުމަކީ ޔުނިފޯމް ކޯޑާ ޚިލާފު ކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން، ބުރުގާ ނުނަގައިފިއްޔާ ކިޔެވުމުން މަހުރޫމުވާނެކަމަށް އެޑިއުކޭޝަން ޑިޕާޓްމެންޓުގެ އޮފިޝަލަކު ބުނި ކަމަށް އެ ކޮލެޖުގަައި ކިޔަވާ އަންހެން ދަރިވަރަކު ވަނީ ބުނެފައެވެ.

"މި ހުރިހާ ދުވަހު އަހަރެމެން ކިޔެވީ ހަމަ އެ ކްލާސްރޫމުގައި. މިއަދު އަހަރެމެންނާ ދޭތެރޭ ކަންތައްތައް ކުރަނީ މުޖުރިމުންނަށްވުރެ ނުބައިކޮށް،" އެ ދަރިވަރު ބުންޏެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސްކޫލްތަކުގައިވެސް ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކުރުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ. އެ ސްޓޭޓުގެ ސްކޫލް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ބުރުގާ އަޅައިގެން ތިބެން ޖެހޭނީ ގޭގައި އެކަންޏެވެ. އަދި އެއީ ސްކޫލް ޔުނިފޯމް ކޯޑުގެ ބައެއް ނޫނެވެ.

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް އެތައް ހަރަކާތްތަކެއް ހިންގަމުން އަންނައިރު، ހަރުކަށި ފިކުރުގެ ހިންދޫންގެ ސަބަބުން މުސްލިމް އަންހެން ދަރިވަރުންނަށް އެތައް އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.