11 Feb 2022, 09:18
ފިރިހެން ދަރިއަކު ލިބޭނެކަން ޔަގީންކުރުމަށް ޕާކިސްތާނު އަންހެނެއްގެ ބޮލަށް މޮހޮރެއް ޖަހައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ޕެޝާވަރުގައެވެ.
ފިރިހެން ދަރިއަކު ލިބޭނެކަން ޔަގީންކުރުމަށް ކަމަށް ބުނެ ރުގްޔާ ކުރާ މީހަކު އެ އަންހެންމީހާގެ ބޮލަށް މޮހޮރެއް ޖަހާފައިވާއިރު، ފުރަތަމަ އެކަންކުރީ ރުގްޔާކުރާ މީހާގެ އިރުޝާދުގެ މަތިންކަމަށް އެ އަންހެންމީހާ ވަނީ ބުނެފައެވެ.
ނަމަވެސް ފަހުން އޭނާ ބުނީ އެކަން ކޮށްފައިވަނީ ރުގްޔާކުރާ މީހާ އަމިއްލައަށް ކަމަށެވެ.
ބޮލަށް ޖަހާފައިހުރި މޮހޮރު އަމިއްލައަށް ނެއްޓޭތޯ މަސައްކަތްކުރުމަށްފަހު އެކަން ނާކާމިޔާބުވެގެން އޭނާ ވަނީ ހުޅަނގު އުތުރު ޕެޝާވަރް ސިޓީގެ ހޮސްޕިޓަލަށް ގޮސްފައެވެ.
ދެ އިންޗި ދިގު މޮހޮރެއް ބޮލުގެ ނާށިގަނޑު ތެރެއަށް ޖަހާފައި ހުރިތަން އެކްސްރޭއިން ފެނުމާއެކު ޑޮކްޓަރުން ވަނީ އެ މޮހޮރު ނަގާފައެވެ.
އެ މޮހޮރު ނެގުމުގެ މަސައްކަތްކުރި ޑޮކްޓަރު ވިދާޅުވީ، މޮހޮރު ޖަހާފައިވަނީ މަރުތެޔޮފަދަ ބަރު އެއްޗަކުން ކަމަށާއި، އޭތި ސިކުނޑިއާ ހަމައަށް ފޯރާފައިނުވާ ކަމަށެވެ.
ޕެޝާވަރު ފުލުހުން ދަނީ އަންހެންމީހާ ބޮލަށް މޮހޮރުޖެހި ރުގްޔާކުރާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ އަންހެންމީހާއާ ސުވާލުކޮށް، ރުގްޔާކުރާ މީހާ އަވަހަށް ހައްޔަރުކުރެވޭނެކަމަށް އުންމީދުކުރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.