11 Feb 2022, 09:32
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ އެއްޗަކާމެދު އެންމެ ބިރުފުޅުގެން ވަޑައިގަންނަވާ އެއްޗަކީ ކޮބައިތޯ ސުވާލު ދެންނެވުނެވެ. ޖަވާބުގައި އެކަލޭގެފާނު، އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވައި (އެ އެއްޗަކީ) މިއީ އެވެ ހަދީސްކުރެއްވިއެވެ.(ތިރުމިޒީ) އިތުރު އެކަލޭގެފާނަކީ އެންމެހައި ކުށް ފާފަތަކުން ސަލާމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންކަމާއެކުވެސް އެކަލޭގެފާނުގެ ދޫފުޅާމެދު ބިރުފުޅުގެން ވަޑައިގަންނަވާ ކަމަށް ހަދީސްކުރައްވާނީ އޭގައި ބޮޑު ކަމެއް އެކުލެވޭތީކަން ކަށަވަރެވެ. ދުލާމެދު ބިރުވެތިވާންޖެހެނީ އެ ދުލުން އެކަށީގެންނުވާފަދަ ވާހަކައެއް ދެއްކި ފާފަވެރިވެދާނެތީއެވެ. ދޮގުހެދުމާއި ޣީބަ ބުނުމެވެ. ދެބައޮޑުވުމާއި ދޮގު ހެކި ދިނުމެވެ. ޝިރުކު ކުރުމާއި ގަޒުފުކުރުން ފަދަ ފާފަ ތަކެވެ. މިއީ ގިނަ ބަޔަކަށް އެނގޭ ބޮޑެތި ކަންތައްތަކެވެ. އެހެންނަމަވެސް ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން މާބޮޑު ސަމާލުކަމެއް ނުދެވި، ދުލުން ކުރެވޭ ނޭދެވޭ އެހެނިހެން ބައެއް ކަންތައްތައްވެސް އެބަ ހުއްޓެވެ.
ބޭކާރު ވާހަކަތަކާއި ފައިދާއެއްނެތް ސިއްރު ވާހަކަތައް ދެއްކުން:
ބޭކާރު ވާހަކައަކީ ކޮބައިކަން ދެނެގަންނަންޖެހޭނީ ވާހަކަ ދައްކާ މީހާ އަމިއްލައަށެވެ. ތިމާ ދައްކާ ވާހަކައަކީ އެވަގުތަށް އެންމެ ބޭނުންތެރި ވާހަކައެއްތޯ ނުވަތަ ނޫންތޯ ވިސްނާލަންޖެހޭނެއެވެ. ޖަލްސާއެއްގައި ވާހަކަ ދެއްކިޔަސް ނުވަތަ ރައްޓެއްސަކާ ވާހަކަ ދެއްކިނަމަވެސް ބޭކާރު ވާހަކަތައް މަދުކޮށްލަން މަސައްކަތް ކުރަންޖެހޭނެއެވެ. ބޭކާރު ވާހަކަތައް ދެއްކުމުން އޭގެ ގެއްލުން ލިބެނީ އެ ވާހަކަ ދެއްކި މީހާއަށް އެކަންޏެއްނޫނެވެ. ހަމައެކަނި 'ވަގުތު' ގެ ނަޒަރުން ބަލައިލިޔަސް އޭނާގެ އަމިއްލަ ވަގުތުތަކެއް ބޭކާރުކޮށްލިފަދައިން އަޑުއަހަން ތިބި މީހުންގެ އަގުހުރި ވަގުތުތަކެއްވެސް ދުއްވައިލެވުނީއެވެ. ބައެއް ކަހަލަ ބައްދަލުވުން ތަކަކީ ކިތަންމެ ބޭކާރު ވާހަކައެއް އަޑުއަހަން ޖެހުނަސް، އެ ބައްދަލުވުން ދޫކޮށް ނުދެވޭ ކަހަލަ ބައްދަލުވުންތަކެވެ. ވީމާ، ބައްދަލުވުމުގައި ތިބި މީހުން އަޑުއަހާކަމަށް ހަދައިގެން އެ ތިބެނީ ތިބާ ދައްކާ ވާހަކަ މާ ޝައުގުވެރިވީމާ ކަމަށް ނުދެކޭށެވެ.
ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ. އަދި އެއުރެންނީ ބޭކާރު ވާހަކަތަކާއި، ކަންތައްތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ."(މުއުމިނޫން: 1-3) މިއާޔަތުން އެނގޭ ގޮތުގައި ބޭކާރު ވާހަކަތަކާއި ކަންތައްތަކުން ދުރުހެލިވުމަކީ ކާމިޔާބު ލިބިގެންވާ މުއުމިނުންގެ ސިފައެކެވެ. ހަމަމިއާއެކު، ހުއްދަ ބޭނުމެއްނެތި ދޭދޭ މީހުންގެ މެދުގައި ސިއްރު ވާހަކަ ދެއްކުމަކީވެސް ދުރުހެލިވާން ޖެހޭ އާދައެއްކަން ނިސާ ސޫރަތުގެ 114 ވަނަ އާޔަތުން އެނގެއެވެ. "ޞަދަޤާތެއް ކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި ސުލުހައެއް އުފެއްދުމަށް އަމުރުކޮށްފި މީހަކު (ސިއްރުގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއްނެތެވެ. އަދި، ﷲ ގެ ރުހިވޮޑިގަތުން އެދިގެން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ."
ބޭކާރު ވާހަކަތަކާއި ފައިދާއެއްނެތް ސިއްރު ވާހަކަތަކުގެ ސަބަބުން މުޖުތަމައުގައި ނުބައިކަން ފާޅުވެގެން ހިނގައިދާނެކަމާމެދު ސަމާލުވާންޖެހޭނެއެވެ. ﷲ ގެ ބަސްފުޅުގެ މާނައިގައިވެއެވެ. "އަނިޔާއެއް ލިބިގެންވާ މީހާމެނުވީ، ބުނާބުނުމުން ނުބައިކަން ފާޅުކުރުމަށް މާތްﷲ ލޯބިވެވޮޑިގެނެއްނުވެތެވެ. (އެބަހީ: އެކިގޮތްގޮތުން އެކިތަންތާނގައި ހިނގާ ނުބައި ކަންތަކުގެ ވާހަކަ ދައްކައި، ފާޅުކޮށް އުޅުމަކީ، މީސްތަކުންގެތެރޭގައި ނުބައިކަން ފެތުރުމަށް ލެވޭ ބާރަކަށްވާތީ އެއީ މާތްﷲ ރުހިވޮޑިގެންނުވާ ކަމެކެވެ. ނަމަވެސް އަނިޔާއެއް ލިބިއްޖެމީހާ، އެ އަނިޔާގެ ވާހަކައިން، ޝަކުވާ ކުރާންވީ ފަރާތްތަކުގައި ޝަކުވާކޮށް އުޅުމަކީ އެންމެ ރަނގަޅުކަމެކެވެ.) އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ."(ނިސާ: 148)
ޝަރީޢަތާ ހިލާފު ވާހަކަތައް ދެއްކުމާއި އެފަދަ މަޖިލިސްތަކުގައި ތިބުން:
ﷲ ގެ ޝަރީޢަތާ ފުށުއަރާފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ވާހަކަތައް ދެއްކޭ ތަނެއްގައި ތިބުމަކީވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. ބައެއްމީހުން މިފަދަ ވާހަކަތައް ދައްކަނީ ޝަރީޢަތުގެ އިލްމު ރަނގަޅަށް ނޭނގި ތިބެއެވެ. އަނެއް ބަޔަކު އެ އިލްމު ލިބިފައި ތިބެމެ ގަސްތުގައި އެފަދަ ވާހަކަތައް ދައްކާފާނެއެވެ. ތިންވަނަ ބަޔަކީ އެއްވެސް ވަރަކަށް އިލްމު ނެތި ޖާހިލުކަމުގައި ތިބެ އެފަދަ ވާހަކަތައް ދައްކާ މީހުންނެވެ. މިކޮންމެ ގޮތަކަށްނަމަވެސް ﷲ ގެ ދީނާ ފުށުއަރާފަދަ ވާހަކަތައް ދެއްކުމަކީ ގޯސް ކަމެކެވެ. އެވާހަކައެއް ހުއްޓުވުމުގެ ކުޅަދާނަކަން ތިމާއަށް ލިބިފައިވާ މަޖިލިހެއްގައި އެފަދަ ވާހަކައެއް ދެއްކޭނަމަ އެވާހަކައެއް ހުއްޓުވާނީއެވެ. އެފަދަ ކުޅަދާނަކަމެއް ނެތްނަމަ އަވަހަށް އެތަނުން ނިކުމެގެން ދާނީއެވެ. އެހެންނޫންނަމަ ތިމާވެސް ހިމެނޭނީ އެ ވާހައިގައި ބައިވެރިވީ މީހެއްކަމުގައެވެ.
ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެ އާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކައެއް ދައްކަން ފަށައިފުމަށްދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ހަމަކަށަވަރުން، ﷲ ، މުނާފިގުންނާއި ކާފިރުންގެ އެންމެން ނަރަކަޔަށް އެއްކުރައްވާނެތެވެ."(ނިސާ: 140)
ހެޔޮ ކަންކަމަށް އަމުރުކޮށް އެގޮތަށް ތިމާ އަމަލުނުކުރުމާއި، ނުބައިކަންކަން މަނާކޮށް ތިމާ އެކަންކަން ކުރުން:
މީހަކު ނުބައިކަމެއް ކުރާނަމަ އެކަން ހުއްޓުވުމަށްޓަކައި ކޮންމެވެސް އެއްޗެއް ބުނެލުމަކީ އާންމުކޮށް މީހުން ކޮށް އުޅޭ ކަމެކެވެ. މިއީ ކުރަންޖެހޭނެވެސް ކަމެކެވެ. އެހެންނަމަވެސް މީގައި ވިސްނާލަންޖެހޭ މުހިންމު ކަމެއްވެއެވެ. ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުން އެންމެ ފުރަތަމަ ފަށަންވާނީ ތިމާގެ އަމިއްލަ ނަފުސުންނެވެ. ހެޔޮ ކަންތަކަށް އެހެންމީހުންނަށް އަމުރު ކުރާއިރު، ތިމާޔަކީ އެ ހެޔޮކަންތައް އަމަލީގޮތުން ކުރާ މީހަކަށް ވާންވާނެއެވެ. އަދި ނުބައިކަންތައްތައް މަނާކުރާއިރު، ތިމާޔަކީ އެ ނުބައިކަމުން ސަލާމަތްވެގެން ހުރި މީހަކަށް ވާންވާނެއެވެ. ތިމާއަކީ ބަހާ އަމަލާ ދިމާވާ މީހަކަށް ވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަންޖެހޭނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. "ޤިޔާމަތް ދުވަހުގައި މީހަކު ގެނެސް ނަރަކަޔަށް އެއްލައިލެވޭނެއެވެ. އަދި (އެހިނދުގައި) އޭނާގެ ގޮހޮރު (އޭނާގެ ހަށިގަނޑުން ބޭރަށް) އަލިފާނުގެ ތެރެޔަށް ނިކުމެދާނެތެވެ. އަދި އުޑިއެއްގެ ވަށައިގެން ހިމާރެއް އެނބުރޭ ފަދައިން، އޭނާ ނަރަކާގައި އެނބުރެމުން ދާނެތެވެ. ފަހެ، ނަރަކައިގެ އަހުލުވެރީން އޭނާގެ ގާތަށް އެއްވާނެތެވެ. އަދި އެމީހުން އޭނާޔާ ސުވާލު ކުރާނެތެވެ. ކަލޭ މިތަނަށް އަންނަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ ކަލޭ އަހަރެމެންނަށް ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް މަނާކޮށް ނޫޅެމުހެއްޔެވެ؟ ޖަވާބުގައި އޭނާ ބުނާނެތެވެ. އާނއެކެވެ! އަހަރެން ކަލޭމެންނަށް ހެޔޮކަންތައްތަކަށް އަމުރުކުރީމެވެ. އެހެންނަމަވެސް އަހަރެންގެ އަމިއްލަ ނަފްސުން އެ ކަންތައްތަކެއް ނުކުރަމެވެ. އަދި އަހަރެން ކަލޭމެންނަށް ނުބައިކަންތައްތައް މަނާކުރީމެވެ. އެހެންނަމަވެސް އަހަރެންގެ އަމިއްލަ ނަފްސުން އެކަންތައްތައް ކުރީމެވެ.(ބުޚާރީ އަދި މުސްލިމު)
ބުނިބުނި ކިޔައިގެން ވާހަކަ ދެއްކުން:
މިއީ ތިމާއަށް އެވާހަކައެއްގެ ހަގީގަތް އެނގިފައިނެތީސް، އެވެނި މީހަކު ބުންޏޭ މިވެނި މީހަކު ބުންޏޭ ކިޔައިގެން ދެއްކޭ ގޯސް ވާހަކަތަކެވެ. މިފަދައިން އެހެންމީހެއްގެ ފަރާތުން އިވޭހާ ވާހަކައެއް ދައްކަމުން ދިއުމުގެ ނަތީޖާއަކަށްވާނީ މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެދުމެވެ. މީހުންގެ އަބުރުނަގާލެވި މީސްތަކުންނާމެދު ދޮގުތައް ހެދި މުޖުތަމައުގެ އަމަންއަމާންކަން ގެއްލުމެވެ. ތިމާއަށް ހަބަރެއް ލިބިއްޖެނަމަ އެވާހަކައެއް އެހެންމީހަކަށް ފޯރުކޮށްދިނުމުގެ ކުރިން ކަންތައް ކުރަންވީ ގޮތް ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދު ބަލައި، ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."(ޙުޖުރާތު: 6) (ފާސިޤުގެ މާނައަކީ ބޮޑެތި ފާފަތައް ކުރާ ނުވަތަ ކުދި ފާފަތައް ކުރުންމަތީ ދެމިހުންނަ މީހާއެވެ.) ބުނި ބުނި ކިޔައިގެން ވާހަކަ ދެއްކުމަކީ ﷲ ރުހިވޮޑިގެންނުވާ ކަމެއްކަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައި ވެއެވެ.(އަޙްމަދު)
ބަޔާންވެދިޔަ ހަތަރު ކަންތައްވެސް ގުޅެނީ ދުލާއެވެ. މާބޮޑު ވިސްނުމަކާނުލާނަމަވެސް ދުލުން ބޭރުކޮށްލެވޭ ބަހެއްގެ ސަބަބުން ހީވެސްނުކުރާފަދަ ގެއްލުމާ ކުރިމަތިލާން ޖެހިދާނެއެވެ. ދުލުގެ ސަބަބުން ފާފައަށް މީހާ ހުށައެޅޭފަދައިން، ހަމަ އެ ދޫ ރައްކާތެރިކޮށްފިނަމަ ކަންތައް ވާނެގޮތް ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "އެމީހެއްގެ ދުލާއި، ލަދުވެތި ގުނަވަން ރައްކާތެރިކުރުމަށް ޖާމިނުވެއްޖެމީހާއަށް (ﷲ) ސުވަރުގެ ދެއްވާނެކަމަށް ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ."(ބުޚާރީ)