13 Mar 2012, 09:24
މި އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ އަށް ވުރެ ހަރަދު، 40 ޕަސެންޓް އިތުރުވެ، ހަރަދު 2.6 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ހަފުތާ އަކު އެއްފަހަރު ފިނޭންސް މިނިސްޓްރީ އިން އާންމު ކުރާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފުސީލް ބަޔާނުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބިފައިވާ އިރު 2.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ 748 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.
ދައުލަތަށް އެންމެ ގިނަ އިން އާމްދަނީ ވަންނަ ޓެކްސްގެ ފައިސާ އިން ސަރުކާރަށް 1.3 ބިލިއަން ރުފިޔާ ވަނީ މި އަހަރުގެ މިހާތަނަށް ވަދެފަ އެވެ. ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބުނު އާމްދަނީ ހުރީ 440 މިލިއަން ރުފިޔާގަ އެވެ.
ހަރަދުތައް ކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާ އިރު ކެޕިޓަލް ހަރަދުގެ ގޮތުގައި163.7މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ރިކަރަންޓް ހަރަދަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ރިކަރަންޓް ހަރަދުގެ ދެ ބައިކޮށްފައި އެއްބަޔާ ގާތްކުރާ، 763މިލިއަން ރުފިޔާ، ހަރަދުކޮށްފައި ވަނީ މުވައްޒިފުންގެ މުސާރަ އާއި އެލަވަންސްތަކަށެވެ.
ދައުލަތުގެ ލޯނު އަދާކުރުމަށް 883 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީ އިން ލަފާކުރަނީ ދައުލަތުގެ ޖުމްލަ ދަރަނި 23.2 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. ގައުމުގެ އެތެރޭގެ ދަރަނި އެކަނި ވެސް 12.8 ބިލިއަނަށް އަރާއިރު ބޭރުގެ ދަރަނި 10.4 ބިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ.