މާފުށީ ޖަލުން ކޮވިޑް-19އަށް ޕޮޒިޓިވްވީ ހުރިހާ ގައިދީން ބަލިން ފަސޭހަވެފައިވާތީ އެ ޖަލު އާންމު ހާލަތަށް ގެނެސްފިއެވެ.

ކޮވިޑުގެ އަލާމާތްތައް ހުރުމުން ގައިދީންނާއި އޮފިސަރުންގެ ސާމްޕަލްތަކެއް ނެގުމުން ޖަނަވަރީ 13ވަނަ ދުވަހު ހަތް އޮފިސަރަކާއި ހަތަރު ގައިދީއަކު މާފުށީ ޖަލުން ޕޮޒިޓިވްވިއެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅައި ޖަނަވަރީ 14ވަނަ ދުވަހުގެ 16:00އިން ފަށައިގެން އެ ޖަލު ކުއްލި ހާލަތަށް ވަނީ ގެނެސްފައެވެ.

މީގެ އިތުރުން، ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވާތީ މިދިޔަ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު އެ ޖަލުގައި ތިބި ބައެއް ގައިދީން ގޭ ބަންދަށް ބަދަލުކުރިއެވެ.

މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސް، ޖަލު އާއްމު ހާލަތަށް ގެނެވެން ދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށްކަމަށް ނިންމިއެވެ.

އެހެން ނަމަވެސް މިއަދު ޖަލު އާންމު ހާލަތަށް ގެނެސް، ކަރެކްޝަންސްއިން ނެރުނު ބަޔާނުގައި ބުނީ ގައިދީންނާއި ބަންދުމީޖުންނަށް އާއިލީ އަދި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމު ހާލަތާ ގުޅިގެން އެކުލަވައިލައިފައި އުސޫލާ އެއްގޮތަށް ކަމަށެވެ.

މީގެ ފަސް މަހެއްހާ ދުވަސް ކުރިން ވެސް މާފުށީ ޖަލުން އޮފިސަރަކު ޕޮޒިޓިވްވެ، އިތުރު ކޮވިޑް ކޭސްތަކެއް ފެނި އެތަން ކުއްލި ހާލަތަކަށް ގެންދިޔައެވެ. އެފަހަރު ހާލަތު ގޯސްވެ، ޖަލުގައި ތިބި ހައި ރިސްކު ގައިދީން ގެއަށް ބަދަލު ކުރަން ނިންމައި ބައެއް މީހުން ގެއަށް ބަދަލު ކުރިއެވެ.