ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އެމަނިކުފާނު އިންކާރުކުރައްވައިފިއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދެއްވާފައެވެ. އެއީ މީގެކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އިއްވާފައެވެ.

ޖަވާބުގައި ދިފާއީ ވަކީލިން ވަނީ ދައުވާ ސާފުނުވާ ކަންފާހަގަކޮށްފައެވެ. ދީފާއުން ސާފުކޮށްދިނުމަށް އެދުނު ގިނަ ކަންތައްތަކެއް ސާފުކޮށްދިނުމުން ވެސް ވަކީލުން ވަނީ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ގޮތެއް ނިންމެވީ ޝަރީއަތުންނެވެ. މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ, ދައުވާ ސާފުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ދައުލަތުން ފުރިހަމަކޮށްފައިވާ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޝަރީއަތުން ގޮތެއް ނިންމެވުމުން ދައުވާއަށް ޖަވާބުދާރީވަމުން ރައީސް ޔާމީން ވިދާޅުވީ, ދައުވާގައި ބުނެފައިވާ ކަންކަމަކީ އެމަނިކުފާނު ކުރެއްވި ކަންތައްތަކެއް ނޫން ކަމަށާއި އެހެން ކަމުން ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

ދައުވާއަަށް ރައީސް ޔާމީން އިންކާރުކުރެއްވުމުން ދިފާއުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ހުރި ކަންކަން ހުށަހެޅުމަށް އިތުރު ފުރުސަތު ދެއްވުމަށް އެދިވަޑައިގަނެފައެވެ.

އެ ފުރުސަތު ދިފާއަށް ދެއްވުމަށްފަހު ގާޒީ ވިދާޅުވީ, އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ, ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް ޔާމީންގެ ވަކީލުން ވަނީ ޔާމީންގެ ޝަރީއަތް ލައިވް ކޮށްދިނުމަށް މީގެ ކުރިން އެދިފައެވެ. ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. ގާޒީ ޝަކީލް ވަނީ ލައިވް ކުރާނެ ވަސީލަތްތައް ކްރިމިނަލް ކޯޓުގައި ނެތުމުން އެކަން ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި، އެ ވަސީލަތްތައް ލިބުމާއެކު އަޑުއެހުންތައް ލައިވް ކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން ފަސް މަސް ވަނީ އަވަސްކޮށްފައެވެ.

އެ މައްސަލާގައި ރައީސް ޔާމީނަށް ހުކުމް އިއްވަން ކުރިން ތާވަލްކޮށްފައި ވަނީ ނޮވެމްބަރު 25 ވަނަ ދުވަހަށެވެ. ނަމަވެސް އެ ދުވަސް ޖޫން 30އަށް އަވަސްކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.