10 Feb 2022, 12:39
އެސްޓީއޯއިން ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް ބާއްވާ "ރަމަޒާން ބާޒާރު" މިއަހަރު ވެސް ފަށައިފިއެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދު ބޭއްވި ހަފްލާއެއްގައި މި ސޭލް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދެވެ.
އެސްޓީއޯއިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް އެ ސޭލުގައި ބޮޑެތި ޑިސްކައުންޓު ތަކެއް ލިބޭނެ ކަމަށެވެ.

އެސްޓިއޯ ރަމަޒާން ބާޒާރު 2022 ފެށުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެގޮތުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު ފިހާރައިން ވިއްކާ މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ. ރީޖަނަލް ފިހާރަތަކުން ވިއްކާ ހޯމް އިމްޕްރޫވްމެންޓުގެ މުދަލަށް ވެސް އެ ޑިސްކައުންޓު ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، 1000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރެވޭނެއެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ތުރުކީ ދެކޮޅު ޓިކެޓާއި، 1000 ޑޮލަރުގެ ޓްރަވެލް އިންޝޫރެންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓިއޯ ރަމަޒާން ބާޒާރު 2022 ފެށުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މީގެ އިތުރުން ނަސީބުވެރި 10 ފަރާތަކަށް އެކި ކަހަލަ އަގުހުރި އިނާމުތައް ލިބޭނެއެވެ. އަދި، ކޮންމެ އައުޓްލެޓަކުން ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެސްޓީއޯއިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ކޫޕަނެވެ. އެއީ ތިމާވެއްޓާ ރައްޓެހިވުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށް އެކުންފުނިން ބުންޏެވެ.
ޑިޖިޓަަލް ކޫޕަން ވިޔަފާރިކުރާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއެސް މެދުވެރިކޮށެވެ.
މިހާރު މަރާމާތު ކުރަމުން އަންނަ އެސްޓީއޯ ސުޕަމާޓުގައި ވެސް މަރާމާތު ނިމުމުން ރަމަޒާން ބާޒާރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕްރޮމޯޝަން ފެށޭނީ އަންނަ މާޗު މަހުކަމަށް އެސްޓީއޯއިން ބުންޏެވެ.