ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ނެންގެވުމަކަށް ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެންޕެއިން ހުއްޓުވުމަށް ޓަކައި އެމްޑީޕީން މަޖިލީހަށް ހުށަހަޅަން އުޅޭ ބިލަށް ތާއީދު ނުކުރާ ކަމަށް, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކޮށް، ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ބިލެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިހާރު ވަނީ ފާސްކޮށްފައެވެ.

އެ ބިލްގެ ޑްރާފްޓުގައި ބުނަނީ ދޭދޭ ގައުމުތަކުގެ ގުޅުންތަކަށް ބުރޫ އަރާ ގޮތަށް އަމަލު ކުރާ ފަރާތްތައް ޖަލަށް ލައި ނުވަތަ ޖޫރިމަނާ ކޮށްގެން އަދަބު ދެވޭނެ ކަމަށެވެ.

މީގެ އިތުރުން އެ ޑްރާފްޓްގައިވާ ގޮތުން ދޭދޭ ގައުމުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އަމަލުކޮށް ވާހަކަ ދައްކާނަމަ ހަ މަސް ދުވަހަށް ޖަލަށް ލުމާއި އެއް އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރެވެއެވެ. އަދި 20،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ.

އެމްއެންޕީން މިއަދު ބޭއްވި ޕްރެސްގައި އެ ބިލާ ބެހޭގޮތުން ޕާޓީގެ ނިންމުމަކީ ކޮބައިތޯ "ސަން"އިން ދެންނެވި ސުވާލުގެ ޖަވާބުގައި އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ނާޒިމް ވިދާޅުވީ އެ ބިލަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ބިލެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އެންމެން ވެސް އިހްތިރާމް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ގާނޫނޫ އަސާސީއާ ހިލާފުވާ ގޮތަށް އެއްވެސް ބިލެއް ހުށަހަޅައިގެން ފާސް ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ބިލެއް ހުށަހަޅައިގެން ގައުމުތަކާ ދޭތެރޭގައި ނުރުހުން ފާޅު ކުރުމުގެ ގޮތުން މީހުން ދައްކާ ވާހަކަތައް ހުއްޓުވޭނެ ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ.

"އެއްވެސް މީހަކަށް އަނިޔާއެއް ލިބޭ ކަމަކަށް މިޕާޓީން ތާއީދެއް ނުކުރާނަން. ބިލުގެ ބައެއް މާއްދާތަކުން ފެންނަނީ ވަކި ކަހަލަ ބަހެއްގައި ހިފާ ހިސާބުން އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ޖަލަށްލާ ވާހަކަ،" ނާޒިމް ވިދާޅުވިއެވެ.

"ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއް ވެސް އިއްޔެ ބޭއްވިން. އަޅުގަނޑުމެންނަށް މިހާރު ނިންމިފައި އޮތީ ބިލަކުން އެކަހަލަ ކަންކަން ހުއްޓުވޭނެ ކަމަކަށް ނުދެކެމޭ. އެހެންވީމަ އެކަމަކަށް އަޅުގަނޑުމެންނެއް ތާއީދެއް ނުކުރާނަން،"

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ބުރޫއަރާ ޒާތުގެ އެއްވެސް ކަމަކަށް ތާއީދު ނުކުރާނެކަން ހާމަ ކުރައްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީން އަބަދުވެސް ވަކާލާތު ކުރާނީ ދިވެހި ރައްޔިތުންގެ މަންފާއަށް އިސްކަން ދީގެން ކަމަށެވެ.

"ރައްޔިތުންނަށް ހައްގު ބަސް ބުނެވޭ ދުވަހެއް އަޅުގަނޑުމެން ދެކެން ބޭނުންވޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް އެ ރައްޔިތުން ބޭނުންވާ ބަސް ބުނެވޭނެ. އެ މިނިވަންކަން ލިބޭނެ،" ނާޒިމް ވިދާޅުވިއެވެ.

އެ ފަދަ ކަންކަން ދިމާވަނީ ދެފުށް ފެންނަ ސިޔާސަތެއް ސަރުކާރުގައި ނެތުމުންކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ ރައްޔިތުންނަށް ސިއްރު ކުރަންޖެހޭ އެގްރިމެންޓެއް އޮންނަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ކޮންމެ އެގްރިމެންޓެއް ވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހަމައަށް ގޮސްފި ނަމަ ރައްޔިތުން ޝައްކު ކުރަންޖެހޭ ސަބަބެއް ނޯންނާނެ. އެކަންކަން ނުކުރެވޭތީ ރައްޔިތުން ފާޑުފާޑުގެ ވާހަކަތައް ދައްކަމުން އެ ގެންދަނީ،"

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީއަށް ލިބުނު ނާކާމިޔާބީއާ ބެހޭގޮތުން ނާޒިމް ވިދާޅުވީ އެ ބަލީގެ ސަބަބުން ޕާޓީގެ މެންބަރުންނަށް ކުޑަނަމަވެސް މާޔޫސް ކަމުގެ އިހްސާސެއް ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫގައި އެމްއެންޕީގެ ފިކުރު ބޮޑުތަނުން އާލާ ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.