މަހު ފީ ދައްކާގޮތަށް މާލޭން ކުއްޔަށް ދޫކުރަން ނިންމާފައިވާ ޕާކިން ސްލޮޓްތަކަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލޭގައި ޕާކްކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަމިއްލަ ފަރާތްތަކަށް 1000 ޕާކިން ސްލޮޓް އެއްކޮށް ވިއްކަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ހުއްޓުވައިފައެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓްތަކަށް އަންނަ ހަފްތާ ބުދަ ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އެ ފުރުސަތު ހުޅުވާލާނީ އެކަމަށް ގާއިމްކުރެވިފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނެއެވެ. އޭގެ ތެރެއިން 25 ޕަސެންޓް ހާއްސަ ކުރަނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ.

ކޮންމެ ފަރުދަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް އެޕްލައި ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި ހުޅުވާލެވޭ ފުރުސަތުތަކުގެ ތެރޭގައި ގަރާޖުގެ ގޮތުގައި ސްލޮޓް ރެޖިސްޓްރީ ކުރުން ނުހިމެނޭ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ސްލޮޓްތަކަކީ އިއްޔެ އެލްޖީއޭއާއި ޓްރާންސްޕޯޓުން ހުއްޓުވި ސްލޮޓްތައް ނޫން ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ 350 ކިލޯގެ ޕިކަޕާއި, ވޭނާއި ކާރަށް ޖާގަ ދޫކުރުމަށް، މާލޭގެ 10 ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. އެ ސްލޮޓްތަކުގެ ގުރު ނަގާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

ނަމަވެސް އެ ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށް ބުނެ، ޑިސެމްބަރު ހައެއްގައި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިއެވެ.

އެހެންކަމުން ޕާކިން ސްލޮޓްގެ ގުރު އަލުން ނަގަން ސިޓީ ކައުންސިލުން ނިންމިއެވެ. ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ ގުރުނަގަން ހަމަޖެއްސުމަށް ފަހު، މިދިޔަ މަހުގެ ފަސް ވަނަ ދުވަހަށް ގުރު ނެގުން ލަސްކުރިއެވެ. ސަބަބަކަށް ސިޓީ ކައުންސިލުން ބުނީ، ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށް ޓަކައި ކަމަށެވެ.

އޭގެ އިތުރުން، ގިނަ އަދަދެއްގެ މީހުން ކުރިމަތިލާފައި ވުމުން، އިދާރީ ގޮތުން ކުރަން ހުރި ކަންކަން ވީހާވެސް ރަނގަޅަށް ކުރުމަށްޓަކައި ތާރީހު ފަސްކޮށްލީ ކަމަށާއި ސްކޫލް ބަންދުވުމުން ގިނަ މީހުން މާލޭގައި ނުތިބޭނެކަން ސިޓީ ކައުންސިލުން އޭރު ފާހަގަކުރިއެވެ.