10 Feb 2022, 11:57
ބެންކޮކް (10 ފެބްރުއަރީ 2022): ތައިލެންޑް ސަރުކާރުގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުންތަކަކާ ގުޅިގެން އެސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވުމަށް ބައެއް ވަޒީރުން ދެކޮޅު ހައްދަވައިފިއެވެ.
ރޮއިޓާސް ބުނާގޮތުން ކެބިނެޓްގެ ބައްދަލުވުމަށް ހާޒިރުވުމަށް ބޮޑުވަޒީރު ޕްރަޔުތު ޗާން އޯޗާގެ އޮފީހުން އެންގި އެންގުމަށް ހަތްވަޒީރަކުވަނީ ދެކޮޅު ހައްދަވާފައެވެ. މި ހަތްވަޒީރުންނަކީ ސަރުކާރު ނިސްބަތްވާ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑުޕާޓީ ކަމަށްވާ ބުމްޖައިތައި ޕާޓީ ގެ ބޭފުޅުންނެވެ. މި ޕާޓީގެ ތާއީދު ގެއްލިއްޖެނަމަ ތައި ސަރުކާރުގެ އަޣްލަބިއްޔަތު ޕާލަމެންޓްގައި ގެއްލިދާނެތީ މި ހަތްވަޒީރުންނާ ދެކޮޅަށް ފިޔަވަޅުއެޅުމަކީ ބޮޑުވަޒީރު ޗާން އޯޗާއަށް ކުރަންކެރިވަޑައިގަންނަވާނެ ކަމެއް ނޫނެނެވެ.
ތައިލެންޑްގެ ސަރުކާރު ނިސްބަތްވާ ކޯލިޝަންގައި ކުދިޕާޓީތަކާއެކު އަށާރަ ޕާޓީ ހިމެނެއެވެ. ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި މައްސަލަތަކެއް އުފެދުނީ ބެންކޮކްގެ ރޭލްތައް ހިންގާ ބީ.ޓީ.އެސް ހޯލްޑިންގްސް އަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ތިރީސް އަހަރަށް ދިގުކުރަން އޭގެތެރެއިން ބައެއް ޕާޓީތަކުން ބޭނުންވާތީއެވެ. ބެންކޮކްގެ ރޭލްތައް ހިންގުމަކީ ވަރަށް ވަރުގަދަ އަދި ފައިދާބޮޑު ވިޔަފާރިއެކެވެ.
ކޯލިޝަންގެ ގިނަ ޕާޓީތައް ބޭނުންވަނީ ބެންކޮކްގެ ރޭލްތައް ހިންގުމުގެ ކަންތައް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް އަލުން ބިޑު ހުޅުވާލުމަށް ކަމަށް ވެއެވެ. ބީޓީއެސް ހޯލްޑިންގްސް އަށް ދީފައިވާ ހުއްދައިގެ މުއްދަތު ބިޑަކާ ނުލައި އިތުރުކުރަން ސަރުކާރުގެ ތެރޭން މަސައްކަތްކުރަނީ ކޮރަޕްޝަނުގެ ސިއްރު ޑީލެއްގެ ދަށުންކަމަށް ކޯލިޝަންގައި ހިމެނޭ ބުމްޖައިތައި ޕާޓީން ތުހުމަތު ކުރެއެވެ.
ކޯލިޝަންގެ ތެރޭގައި މިމައްސަލަ ހޫނުވަމުންދާތާ މިހާރު ދުވަސްތަކެއް ވަނީ ވެފައެވެ. މިމައްސަލާގައި ބޮޑުވަޒީރު ޗާން އޯޗާ ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެން ކަމަށާއި އެއީ ކޯލިޝަން ރޫޅޭ ހިސާބަށް މިކަން ހިނގައިދާނެތީ ކަމަށް ޚަބަރުތައް ބުނެއެވެ. ޗާން އޯޗާ ގެންދަވަނީ މިމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އިއްޔެ ބާއްވަން އުޅުނު ކެބިނެޓްގެ ބައްދަލުވުމަކީވެސް މައްސަލަ ހައްލުކުރެވޭނެ ގޮތަކާބެހޭގޮތުން ވަޒީރުންނާ މަޝްވަރާކޮށް އެމީހުންގެ ޚިޔާލު ހޯދުމަށް ބާއްވަން އުޅުނު ބައްދަލުވުމެކެވެ.
މިމައްސަލައިގާ ވެރިކަންކުރާ ކޯލިޝަން އަށް އެރިލޮޅުމުގެ އަސަރު ޕާލަމެންޓަށްވެސްވަނީ ކޮށްފައެވެ. ތައިލެންޑްގައި އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. އާންމު އިންތިޚާބަށް އަހަރަކަށް ވެފައިވަނިކޮށް ކޯލިޝަން ރޫޅިއްޖެނަމަ އަވަސް އިންތިޚާބަކަށް ދާންޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ތައިލެންޑްގެ ސަރުކާރުގައި ހިމެނޭ އަށާރަ ޕާޓީގެ ތެރެއިން އެންމެ ބޮޑު ޕާޓީއަކީ ބޮޑުވަޒީރު ޗާން އޯޗާ ގެ ޕަލަންގް ޕަރަޗަރަތް ޕާޓީއެވެ. ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ކަމަށްވާ ޕަމަނަޓް ޕްރޮމްޕޯ ޕާޓީ ދާދިފަހުންވަނީ ސިޔާސީ ދެބަސްވުމެއްގެ ތެރެއިން ކޯލިޝަނުން ބޭރުކޮށްލާފައެވެ. މިކަމުގެ ސަބަބުން ކޯލިޝަނަށްވަނީ ޕާލަމެންޓްގެ އެކާވީސް ގޮޑި ގެއްލިފައެވެ.
ތައިލެންޑަކީ ބަރުލަމާނީ ނިޒާމަށް ވެރިކަން އޮންނަ ގައުމެކެވެ. މި ހާލަތުގައި ބުމްޖައިތައި ޕާޓީ ކޯލިޝަނުން ވަކިވެއްޖެނަމަ ޕާލަމެންޓްގައި ކޯލިޝަންގެ އަޣްލަބިއްޔަތު ގެއްލޭނެއެވެ. ޕާލަމެންޓްގައި ކޯލިޝަންގެ އަޣްލަބިއްޔަތު ގެއްލި އިތުރު ޕާޓީއެއްގެ އެހީތެރިކަން ނުލިބިއްޖެނަމަ ބޮޑުވަޒީރު ޗާން އޯޗާ ގެ ސަރުކާރު ވެއްޓޭނެ ކަމެކެވެ.