އިންގްލެންޑުގައި ކޮވިޑް-19 ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް މިމަހުގެ ތެރޭގައި އުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

އިންގްލެންޑުގައި މިހާރު އޮންނަ ގޮތުން، ކޮވިޑް-19އަށް ޕޮޒިޓިވްވާ ކޮންމެ މީހެއްވެސް މަދުވެގެން ފަސް ދުވަހަށް އަމިއްލައަށް އެކަހެރިވާން ޖެހޭނެއެވެ.

މިހާރު އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 28އާ ހަމަޔަށެވެ. ނަމަވެސް، ޖޯންސަން ވިދާޅުވެފައިވަނީ ޕޮޒިޓިވް ކޭސްތައް މަދުވަމުންދާ ނަމަ އެއަށް ވުރެ އަވަހަށް ފިޔަވަޅުތައް އުވާލެވޭނެ ކަމަށެވެ.

ޖޯންސަން ވިދާޅުވީ ޕާލިމެންޓުގެ ޗުއްޓީއަށް ފަހު، އަނބުރާ ޕާލިމެންޓަށް ވަޑައިގެން ކޮވިިޑްގެ ފިޔަވަޅުތަކަށް ގެނެސްފައިވާ ބަދަލުތައް އޭނާ ހިއްސާކުރައްވާނެ ކަމަށެވެ.

އެގައުމުގެ ޕާލިމެންޓް ޗުއްޓީއަށް ދަނީ މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބާ ޕާޓީގެ ހެލްތް ސެކްރެޓަރީ، ވެސް ސްޓްރީޓިން ވިދާޅުވީ ކޮވިޑް ފިޔަވަޅުތައް އުވާލުމާ ބެހޭ ގޮތުން ބޮޑުވަޒީރު ވާހަކަދައްކަވަނީ ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ ސަބަބުން "އެމަނިކުފާނު ވެއްޓިފައިވާ ސިޔާސީ ވަޅުގަނޑުން އަރައިގަތުމަށް" ކަމަށެވެ. އަދި އެވާހަކަތައް ދައްކަވަނީ ފިޔަވަޅުތައް އުވާލާނެ ގޮތުގެ އެއްވެސް ޕްލޭނެއް އޮވެގެން ނޫން ކަމަށެވެ.

އެގައުމުގެ ދަތުރުފަތުރާ ގުޅުންހުރި ގަވައިދުތަކަށް އެއްވެސް ބަދަލެއް އަންނާނެތޯ ބީބީސީން ސަރުކާރުގެ ތަރުޖަމާނަކާ ސުވާލުކުުރުމުން އޭނާ ވިދާޅުވީ އެކަމާ ގުޅޭގޮތުން ފަހުން ވަކި ގޮތެއް ނިންމާނެކަމަށެވެ. އެގައުމުން ވަނީ މާދަމާއިން ފެށިގެން އެގައުމަށް ދަތުރުކުރާ މީހުންނަށް ލުއިތަކެއް ދޭން މީގެ ކުރިން ނިންމާފައެވެ.

އެހެންކަމުން، ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަަމަ ކޮށްގެން އެގައުމަށްދާ މީހުން ދެން ކޮވިޑަށް ޓެސްޓްކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ހުރިހާއެންމެން ވެސް "ޕަސެންޖާ ލޮކޭޓާ" ފޯމް ފުރަންޖެހޭނެއެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އިނގިރޭސިވިލާތުގައި ކޮވިޑްގެ ކޭސްތައް ދަނީ މަދުވަމުންނެވެ. އިއްޔެ އެގައުމުގެ ކޭސްތަކުގެ އަދަދަކީ68,214 އެވެ.