ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބާއްވައިފި ނަމަ އެ އިންތިހާބު ކާމިޔާބުކުރާނީ ޕީޕީއެމް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

އެމްބީސީގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މި ރޭ ވާހަކަފުޅު ދައްކަވަމުން ޔާމީނު ވިދާޅުވީ ޕީޕީއެމުން ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމާ މެދު އެއްވެސް ވަރަކަށް ޝައްކު ނުކުރައްވާ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި މަޖިލީހުން ބޭރުގައި ވެސް އަޅާ ކޮންމެ ފިޔަވަޅެއް ހަރުދަނާކަމާ އެކު އަޅާފައި ވަނީ އެ ޕާޓީން ކަމަށް ވާތީ ކަމަށެވެ.

" ...އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ހަރުދަނާ ކަމާއެކު ކޮންމެ މައްސަލައެއްގައި، ކޮންމެ ފިޔަވަޅެއް އަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި ބޭރުގައި ވެސް ސާބިތުކަމާ އެކު މަސައްކަތް ކޮށްފައި ވަނީ ޕީޕީއެމުން،" ޕީޕީއެމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ސަބަބުތައް ޔާމީން ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުގެ އިގުތިސާދީ ސިޔާސަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން [ރާއްޖެ[ ވައްޓާލި އަނދަވަޅަށް، މިސަރުކާރުން ރާއްޖެ ވައްޓާލަން ބޭނުން ނުވާނެ ކަމަށެވެ.

ޑޮލަރުގެ އަގު ރާއްޖޭގައި ބޮޑުވި މައްސަލައަށް ކުރިން ފާޑުވިދާޅުވެފައިވާ ބޭފުޅަކަށް ވާތީ މިހާރު ޑޮލަރުގެ އަގު ބަދަލުކުރެވޭނީ ކިހިނެއްތޯ ދެންނެވުމުން، ޔާމީނު ވިދާޅުވީ ޑޮލަރުގެ އަގު ދަށް ކުރެވޭނީ ރާއްޖެ އަށް ވަންނަ ޑޮލަރު އިތުރުކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ ޑޮލަރުގެ އަގު ދަށްކުރުމަށް ދިވެހި ރުފިޔާ އިން ކުރާ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ.

"ދިވެހި ރުފިޔާ އިން ހަރަދުކުރަން ޖެހޭ ހަރަދުކުރުން ހަމަ ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވާން އެބަޖެހޭ. ހަމަ ވަރަށް ބޮޑުތަން ހަރަދުކުޑަވެގެން ދާނެ އިނގޭތޯ މިކުރެވޭ ބޭކާރު ހަރަދުތައް ހިފަހައްޓާލެވިއްޖެއްޔާ. ހަމަ ތަފާތު އެކި އެކި ނަންނަމުގައި ޔޫޓިލިޓީ ކުންފުނިތަކާއި ދެން އެހެން ގޮސް ދަންނަވާނެ ކަމެއް ނެތް، ސިޔާސީ މަގާމުތައް ވެސް އުފެދިފައި އެހެރީ، އެމްބަސީތައް ވެސް އުފެދިފައި އެހެރީ،" ޔާމީނު ވިދާޅުވި އެވެ.

ކައިރި މުސްތަގުބަލެއްގައި ތަކެތީގެ އަގު ހެޔޮވެދާނެތޯ ދެންނެވުމުން ޔާމީނު ވިދާޅުވީ މިސަރުކާރަކީ ޕީޕީއެމް ހިއްސާވާ ސަރުކާރެއް ކަމަށާއި އެކަމަކު ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަނީ އެ ޕާޓީ އިން ނޫން ކަމަށެވެ.

" .. އަޅުގަނޑުމެން ހިއްސާވާ ސަރުކާރެއް މީ، އެކަމަކު އަގަނޑުމެންނަކީ މިސަރުކާރުގެ ޕޮލިސީ ޝޭޕްކުރާ މީހުންނެއް ނޫން ދެއްތޯ؟ ސަރުކާރުގެ ޕޮލިސީ ޝޭޕްކުރަން އެތިއްބެވީ އިގުތިސޯދާ ބެހޭ ވަޒީރުން ދެއްތޯ؟ ދެން އެބޭފުޅުން ކުރައްވާ ކަންތައްތައް ކޮންމެ ވެސް ހިސާބަކުން ދިޔައިމާ މަޝްވަރާތަކުގައި އަޅުގަނޑުމެން ބައިވެރި ކުރައްވާނެ ކަންނޭނގެ. އެކަމަކު އެއްގޮތަކަށް ވެސް ގަބޫލުކުރައްވާކަށް ނުވާނެ ކަންނޭނގެ ޕީޕީއެމާއި ޑީއާރުޕީއާ އަދި އެހެން ޕާޓީތައް ވެސް ހިއްސާވެގެން ސަރުކާރު އުފެދިފައި އޮތެއް ކަމަކު ސަރުކާރުގެ ތަންފީޒީ މަސައްކަތްތަކެއް ކުރާ ޕާޓީތަކަށް އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތައް ވަނީކީ ނޫން ދެއްތޯ؟،" ޔާމީނު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ކަންތައްތަކުގައި ސިޔާސަތު އެކަށައެޅުއްވުމުގެ ކުރިން މަޝްވަރާ ކުރައްވާ ކަންތައްތަކަށް މަޝްވަރާ ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރުން ބޭރުގައި ކަމަށާއި އެހެންވީމާ އެކި ވުޒާރާތަކުން ކަނޑައަޅާ ސިޔާސަތުތައް ސީދާ ވަކިގޮތަކަށް ކަނޑައަޅަން ބަހެއް ވިދާޅު ނުވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ނުހުޅުވި އޮތް މައްސަލައިގައި ޔާމީނު ވިދާޅުވީ މަޖިލިސް ނުހުޅުވެންވީ ސަބަބެއް ނެތް ކަމަށާއި މަޖިލިސް އަވަހަށް ހުޅުވެންވީ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ އެކަނި އެކަމާ ދެކޮޅު ހެދިޔަސް މަޖިލިސް ހުޅުވެން ވާނެ ކަމަށެވެ.

"ދެން ހަމަ ހުޅުވެން ވީ ނޫންތޯ؟ ކީއްވެގެންތޯ ނުހުޅުވެންވީ. އަޅުގަނޑެއް ގަބޫލެއް ނުކުރަން ނުހުޅުވެން ޖެހޭނެ ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ ހަމަ މަޖިލިސް ހުޅުވެން ޖެހޭނެ ކަމަށް. އެމްޑީޕީ ވަކި ކަމަކަށް ދެކޮޅު ހަދާތީ މުޅި ސަރުކާރު ތަޅު އެޅުވިފައި އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ޔާމީނު ވިދާޅުވި އެވެ.