09 Feb 2022, 20:53
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓު ދޭންޖެހޭނެކަމަށް ބުނެ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އެ ކުންފުނީގެ އޮޕަރޭޝަންސް ހެޑް ޒާހިރު އުސްމާން ބިރުދައްކާކަމަށް ތުހުމަތު ކުރެވޭ އޯޑިއޯގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމުގެ ދެ ދުވަސް ކުރިން ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ ފެނަކައިގެ މުވައްޒަފުންނަށް ޒާހިރު ބިރުދައްކާކަމަށް ތުުހުމަތުކުރެވޭ އޯޑިއޯއެއް ވަނީ ލީކުވެފައެވެ. އޯޑިއޯގައި ޒާހިރު ވަނީ މުވައްޒަފުން ގާތު ރާޝިދަށް ވޯޓުލާންޖެހޭނެކަމަށާއި، އޭނާއަށް ވޯޓު ނުލާނަމަ އައިޑީ ކާޑުތައް ދިނުމަށް ވަނީ އެދިލައްވައިފައެވެ. އަދި އޯޑިއޯ ލީކުކޮށްލައިފިނަމަ ވަޒީފާއިން "ކަނޑައި ވައްޓާލާނެ" ކަމަށް ވަނީ ވިދާޅުވެފައެެވެ.
މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ އޯޑިއޯ އިއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އިއުތިރާޒެއް ނެތްނަމަ އެ އޯޑިއޯ އިއްވުމުގެ ހުއްދަ ދޭކަމަށެވެ. އެއާއެކު ސިޔާމް ވަނީ އޭނާގެ ފޯނުން އެ އޯޑިއޯ މަޖިލީހަށް އިއްވާފައެވެ.
އޯޑިއޯ އިއްވުމުން ރައީސް ނަޝީދު ވިދާޅުވީ އޯޑިއޯގައި ފުރަތަމަ ވެސް މަގާމުން ވަކި ކުރަން ބޭނުންނުވާކަމަށް ބުނެފައިވާކަމަށެވެ. އަދި ނުފޫޒު ނުފޯރުވާނެ ކަމަށް ބުނެފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފަހުބައިގައި އެ ދެއްކި ވާހަކައަކީ ކޮމަންޑޫ ދައިރާއަށް ވޯޓުލެވޭ ބޭފުޅެއްގެ ހައިސިއްޔަތުން ވޯޓު ހޯއްދެވުމަށް އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކަކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ވާހަކަދައްކަވަން ފައްޓަވަމުން ވެސް އޭނާގެ [ޒާހިރުގެ] އަމިއްލަ ހައިސިއްޔަތުން އޭނާ ކުރާކަމެއްކަން އެނގޭ. އޭނާ އަކީ ކޮމަންޑޫ ދާއިރާގެ ވޯޓު ހައްގު މީހެއް. އަދި ކެމްޕޭން ކުރުމުގެ ހައްގުވެސް އޮތް މީހެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ވަޒީފާއިން ވަކި ކުރާނެ ކަމަށާއި ވޯޓު ލާންޖެހޭނީ ރާޝިދުއަށް ކަމަށް ބުނަނީ އޯޑިއޯގެ ފަހުބައިގައެވެ. އެ ބައި މަޖިލީހުގައި އިއްވުމުގެ ހުއްދަ ރައީސް ނަޝިދު ނުދެއްވިއެވެ.