12 Mar 2012, 22:13
ތެހެރާން (މާޗް 12) : އީރާނުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައި ހަނގުރާމަކުރަންޖެހިއްޖެނަމަ އެކަންކުރަން އީރާންއޮތީ ތައްޔާރަށް ކަމަށާއި ހަނގުރާމަ ދެކެ ޖެހިލުންނުވާކަމަށް ރައީސް އަޙްމަދީ ނެޖާދް ވިދާޅުވެއްޖެވެ.
ތެހެރާންގެ ދެކުނު ރަށެއް ކަމަށްވާ ޚަރްޖުގައި ވާހަކަ ދައްކަވަމުން ނެޖާދް ވިދާޅުވީ ހުޅަނގުގެ ހަނގުރާމަމަތީ ބޯޓުތަކާއި ބޮމާއި ޢަސްކަރީ މަނަވަރުތައްދެކެ ބިރުން އީރާނުގެ ރައްޔިތުން ނުފިލާނެ ކަމަށާއި އަމިއްލަ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ހަނގުރާމައެއް އީރާނުން ކުރާނެ ކަމުގައެވެ.
ނެޖާދް ވިދާޅުވީ އަޅުވެތި ކުރުމާއި އިސްތިޢްމާރުގެ ޒަމާން ފާއިތުވެއްޖެ ކަމަށާއި 19 ވަނަ ޤަރުނުގެ އިސްތިޢްމާރީ ކުޅިގަނޑު އެމެރިކާއާއި ޔޫރަޕަށް ދުނިޔޭގައި ދެން ނުކުޅެވޭނެ ކަމުގައެވެ. ނެޖާދް އެމެރިކާއަށާއި ހުޅަނގުގެ ޤައުމުތަކަށް ގޮވާލެއްވީ ބަޑިއާއި ބޮން ދިއްކޮށް ބިރުދެއްކުމުގެ ޢަމަލުތައް ހިންގަން ނޫޅުމަށާއި ތިމާމެންގެ ޤައުމަށް ލިބިފައިވާ ޙައްޤުތައް އެހެން ޤައުމުތަކަށް ލިބިގެންވާކަން ޤަބޫލުކުރުމަށެވެ.
ބަޑިދިއްކުރުމާއި ބޮންއެޅުންފަދަ ހަރުކަށި ޢަމަލުތައް ހިންގުމުގެ ބަދަލުގައި ވާހަކަދައްކައިގެން މައްސަލަތައް ޙައްލުކުރަން ދަސްކުރުމަށްވެސް ނެޖާދް އެމެރިކާއަށާއި ޔޫރަޕަށް ގޮވާލެއްވިއެވެ. އީރާނަށް އިސްވެ ޙަމަލާދީފިނަމަ ހަނގުރާމައިގެ ވަރުގަދަ ހުޅުގަނޑެއް ފަޅައިގެންދާނެ ކަމަށާއި މިފަދަ ޙާލަތެއްގައި ހަނގުރާމަ ހުއްޓާލުމުގެ ބާރު ހުޅަނގަށް ނޯންނާނެ ކަމަށްވެސް ނެޖާދް ވިދާޅުވިއެވެ.
ނިއުކްލިޔަރ ހަތިޔާރު އުފައްދުމަށްފަހު އިދިކޮޅު ޤައުމުތަކަށް އެއިން ބިރުދައްކާ އެމެރިކާއާއި އިސްރާއީލުން ގެންދަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރުތައް ދެމުންނެވެ.
އީރާނުން ވަނީ އެޤައުމަށް ޙަމަލާދީފިނަމަ އިސްރާއީލަށާއި އެމެރިކާގެ މަސްލަޙަތުތަކަށް ވަރުގަދައަށް ރައްދުދޭނެ ކަމުގެ އިންޒާރުދީފައެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް އެމެރިކާއާއި އިސްރާއީލާއި ޔޫރަޕްގެ ބާރުތަކުން ކުރާ ތުހުމަތުތަކަކީ ސިޔާސީ ތުހުމަތުތަކެއް ކަމަށް އީރާނުން ބުނެއެވެ. އީރާނާދެކޮޅަށް އެމެރިކާއާއި އިސްރާއީލާ އަދި ހުޅަނގުންކުރާ ތުހުމަތުތައް ސާބިތުކޮށްދިނުމުގައި އެޤައުމުތައްވަނީ ފޭލްވެފައެވެ. -- އަލްޖަޒީރާ