ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ހިދުމަތް ކ.ހުރާގައި ދޭން ފަށައިފިއެވެ.

މިމަހުގެ ތިންވަނަ ދުވަހު އެރަށުގައި އެ ހިދުމަތްތައް އިފްތިތާހު ކޮށްފައިވަނީ ހާއްސަ އޮފާތަކަކާ އެކުގައެވެ. އެގޮތުން، ފައިބާގެ ހިދުމަތަށް އެދި ހުށަހަޅާ ފަަރާތްތަކަށް ހިލޭ ގުޅައިދިނުމުގެ ހިދުމަތް ލިބޭނެއެވެ. އަދި ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު (އޯއެންޓީ) ވެސް ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު ޓީވީގެ ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް ވެސް ހިލޭ ގުޅައިދިނުމުގެ ހިދުމަތާއެކު، ޖޯއިބޮކްސް (ޑީކޯޑަރު) ވެސް ހިލޭ ލިބޭނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް ކަމަށްވާ ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު 76 ރަށެއްގައި ދެމުން އެބަ ދެއެވެ. އެއާއެކު ރާއްޖޭގެ ގޭބީސީތަކުގެ 82 އިންސައްތައިން އެ ހިދުމަތް ބޭނުންކުރެއެވެ.

ދިރާގު ޓީވީއަކީ ވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ދޭ އައިޕީޓީވީ ހިދުމަތެވެ. ކޮލިޓީ އަދި އަގުގައި ތަފާތެއް ނެތި އެ ހިދުމަތް ވެސް 82 އިންސައްތަ ގޭބީސީއަށް ދިރާގުން ފޯރުކޮށްދެއެވެ.