ކުންފުންޏެއްގެ އިހުމާލުން އުމްރާ ވެރިއަކަށް އަޅުކަން އަދާ ނުކުރެވިއްޖެ ނަމަ ނުވަތަ އުމްރާވެރިންގެ އަތުން ނަގާ ފައިސާއަށް ހިޔާނާތްތެރި ވެއްޖެނަމަ 30,000 އާއި ލައްކައަކާ ދެމެދު ޖޫރިމަނާ ކުރަން ކަނޑައަޅައި، "ދިވެހިރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ގެޒެޓްކޮށްފިއެވެެ.

އެ އުސޫލުގައި ވާގޮތުން، އުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅާ އިރު ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރާ މީހަކަށް ވެގެން ނުވާނެއެވެ.

ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުންނީގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން ނުވާނެ ކަމަށް އެ އުސޫލުވައިވެއެވެ.

ހަމަ އެ މުއްދަތުގެ ތެރޭގައި ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށުގެ ތެރެއިން ފައިސާގެ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައި ވެގެން ނުވާނެ ކަމަށާއި އެފަދަ މައްސަލައެއް ކޯޓުގައި ހިނގަމުންދާ މީހެއް ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ކުންފުނީގައި ހުންނަން ޖެހޭ ޝަރުތެއް ކަމަށް ބަޔާންކޮށްފައި ވަނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ މަގުސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތް ދިނުން ހިމެނިފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާންޖެހޭ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖެ އިން މީހުން އުމްރާއަށް ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ "ދިވެހިރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު"ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ދިވެހިރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލަކީ ރާއްޖެއިން އުމްރާއަށް ދާ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، އެ އަޅުކަމަށް ދާ ދިވެހިންގެ ފައިސާ ރައްކާތެރިކަމާ އެކު ބަލަހައްޓައި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް އެކުލަވާލި އުސޫލެކެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން، ރާއްޖެއިން އުމްރާއަށް މީހުން ގެންދެވޭނީ، އެކަމަށް އެދުމަށް އެދި އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން، އެކަމަށް އެދި ހުށަހަޅައި ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވެ، ހުއްދަ ދޭ ކުންފުނިތަކަށް އެކަންޏެވެ.

އަދި ޝަރުތު ހަމަވާ ކުންފުނިތަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ ދެ އަހަރަށް ކަމަށް ބުނެފައިވެ އެވެ.