އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ބުރުގާ އަޅައިގެން ތަޢުލީމް ޙާސިލުކުރުން ވަނީ މަނާކޮށްފައެވެ. ސްކޫލްތަކާއި ޔުނިވަރސިޓީތަކަށް ބުރުގާ އަޅައިގެން ދާ މުސްލިމް އަންހެން ދަރިވަރުން ކްލާހަށް ނުވައްދާއިރު، ސަބަބެއް ގޮތުގައި އެތަންތަނުން ބުނަނީ ބުރުގާއަކީ ޔުނިފޯމް ކޯޑުގެ ބަޔަކަށް ނުވުމެވެ.

އިއްޔެ ވަގުތެއްގައި ޓްވިޓާގައި އާންމުވެގެން ދިޔަ ވީޑިއޯއަކުންވެސް ފެނިގެން ދިޔައީ އެ ގައުމުގެ ހަރުކަށި ފިކުރުގެ ހިންދޫންގެ ސަބަބުން މުސްލިމް ދަރިވަރުންނާ ކުރިމަތިވާ ގޮންޖެހުންތަކެވެ.

އެގޮތުން މުސްކާން ޚާން ނަމަކަށް ކިޔާ ދަރިވަރަކަށް ހަރުކަށި ފިކުރުގެ ހިންދޫން ފުރައްސާރަ ކުރުމުން އޭނާ ދެއްކި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.

އާދައިގެ މަތިން މުސްކާން ޚާން ކޮލެޖަށް ދިޔައީ އެސައިންމަންޓެއް ހުށަހެޅުމަށެވެ. އޭނާ ކޮލެޖަށް ވަންނަން އުޅެނިކޮށް ހިންދޫ ސޭފްރޯން ކުލައިގެ ސްކާފް އަޅައިގެން ތިބި ފިރިހެނުންގެ ބޮޑު ޖަމާޢަތަކުން އޭނައާ ދިމާކުރަން ފެށިއެވެ. އަދި ބުރުގާ އަޅައިގެން ކޮލެޖަށް ނުވަދެވޭނެކަމަށް ބުނަން ފެށިއެވެ.

"ޖޭ ޝްރީ ރާމް" މިހެން ކިޔާފައި މުސްކާން ޚާން އާ ދިމާކުރަން ފެށުމުން އޭނާ ރައްދުދިނީ ވަރަށްވެސް ފުރިހަމަ ގޮތަކަށެވެ. އެގޮތުން މުސްކާން ޚާން ދިޔައީ "ﷲ އަކްބަރު" މިފަދައިން ތަކުރާރުކޮށް ކިޔަމުންނެވެ. އަދި ބުރުގާ އަޅައިގެން ކިޔަވަން ދިއުމުގެ ހައްގަށްޓަކާ ވަކާލާތުކުރާނެކަމަށް ބުނަމުންނެވެ.

މުސްކާން ބުނި ގޮތުގައި އޭނައާ ދިމާކުރަން އައި މީހުންގެ ތެރެއިން 10 އިންސައްތަ މީހުންނަކީ ކޮލެޖުގައި ކިޔަވާ ދަރިވަރުންނެވެ. އަދި ބާކީ ތިބި އެންމެންނަކީ ކޮލެޖަށް ނިސްބަތްވާ މީހުންނެއް ނޫނެވެ.

މުސްކާންގެ މި ހިތްވަރާއެކު ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފްކޮށްފައެވެ. އެގޮތުން ޑރ.ޒާކިރު ނައިކް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުސްކާނަށް ތައުރީފްކުރައްވާފައެވެ. އަދި އޭނައަށް ސާބިތުކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.