އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް, ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފިއެވެ.

ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކޮށް، ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ބިލެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާ ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ބިލްގެ ޑްރާފްޓެއް ހަދާފައިވާއިރު އޭގައި ބުނަނީ ދޭދޭ ގައުމުތަކުގެ ގުޅުންތަކަށް ބުރޫ އަރާ ގޮތަށް އަމަލު ކުރާ ފަރާތްތައް ޖަލަށް ލައި ނުވަތަ ޖޫރިމަނާ ކޮށްގެން އަދަބު ދެވޭނެ ކަމަށެވެ.

ޕާލަމެންޓްރީ ގުރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ފާސްކުރީ ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ އެ ބިލް މަޖިލީހަށް ހުށަހަޅައި އިސްލާހުތަކެއް ގެނެސް, ފާސް ކުރަން ނިންމައިފައިވާ ކަމަށެވެ.

އެ ޑްރާފްޓް މިހާރު އޮތް ގޮތުން ދޭދޭ ގައުމުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އަމަލުކޮށް ވާހަކަ ދައްކާނަމަ ހަ މަސް ދުވަހަށް ޖަލަށް ލުމާއި އެއް އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރެވެއެވެ. އަދި 20،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ.

އިންޑިއާއާ ގާތްގުޅުމެއް އޮންނަ އެމްޑީޕީން ބިލެއް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮވެއެވެ. އެހެންކަމުން އެ ޕާޓީ ހުށަހަޅާ ބިލެއް ފަސޭހައިން ފާސް ކުރެވޭނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ކެމްޕެއިން މުޅި ރާއްޖެއަށް ފުޅާކޮށް، ގޭގޭ ފާރުތަކުގައި ލިޔާ ހިސާބަށް ގޮސްފައިވާއިރު ސަރުކާރާއި އެމްޑީޕީގެ އިތުރުން ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުން އެކަން ކުށްވެރި ކުރެއެވެ. އެއީ އަވައްޓެރި ގައުމަކާ އޮންނަ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ޔާމީން ވަނީ ގާނޫނެއް ހެދިނަމަވެސް އެ ކެމްޕެއިން ނުހުއްޓޭނެ ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅުން އިންޑިއާއާ ދެކޮޅު ކެމްޕެއިނެއް ކުރަމުން ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށް އިދިކޮޅުން ބުނެއެވެ. ރައީސް ޔާމީން ގެންދަވަނީ އިންޑިއާއަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.

ހާރިޖީ ގުޅުންތަކަށް ބުރޫ އަރާގޮތަށް ވާހަކަ ދައްކާ ފަރާތްތަކަށް ބިލެއް އެމްޑީޕީން ހަދާއިރު އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.