އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ބުރުގާ އާއި މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

މަދްޔަ ޕްރަދޭޝްގެ ސްކޫލް އެޑިއުކޭޝަން މިނިސްޓަރު އިންދަރު ސިންގް ޕަރްމާރް ވިދާޅުވީ، ހިޖާބަކީ ސްކޫލް ޔުނިފޯމްގެ ބައެއް ނޫން ކަމަށެވެ.

"ސްކޫލް ޔުނީފޯމާ ގުޅިގެން ދިމާވާ މައްސަލަތައް އެޑިއުކޭޝަން ޑިޕާޓްމެންޓުން ބަލާނެ. ބުރުގާއަކީ ސްކޫލް ޔުނީފޯމުގެ ބައެއް ނޫން. އެހެންވީމަ އެ މަނާކުރަން ޖެހޭނެ" އޭނާ ވިދާޅުވިއެވެ.

ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރުމަކީ ވަކި ދީނަކަށް ނުވަތަ މުޖުތަމަޢަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަމެއް ނޫންކަމަށް އިންދަރު ވިދާޅުވިއެވެ.

އިންޑިއާގެ ކަރްނާޓަކާގެ އުޑުޕީ ޑިސްޓްރިކްޓުގައިވެސް ބުރުގާއާ ދެކޮޅު ހަދަމުން އަންނައިރު، ބައެއް ދަރިވަރުންނަށް ސްކޫލަށް ހާޒިރުވުމުން ކްލާހަށް ނުވެއްދި މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

މަދްޔަ ޕްރަދޭޝްގެ ސްކޫލް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ދީނީ 'ޓްރެޑިޝަންތަކަށް' ޢަމަލުކުރަން ޖެހޭނީ ގޭގައި އެކަނި ކަމަށާއި، ސްކޫލް އެޑިއުކޭޝަން ޑިޕާޓްމެންޓުގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމަކަށްފަހު ޔުނިފޯމް ކޯޑާބެހޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.