ހުޅުމާލޭ ބީޗް ފްރަންޓުން ވިއްކާ 26 ގޯތީގެ ބީލަމުގެ ސުންގަޑި ހަމަވިއިރު 211 ފޯމު ހުށަހަޅައިފިއެވެ.

ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، މިވަގުތު މަސައްކަތް ކުރަމުން ދަނީ ކޮންމެ ފޯމެއް ވަކިވަކިން ބަލައި ޗެކް ކުރުން ކަމަށާއި، ބާތިލް ފޯމުތައް ވަކިކުރުމަށް ފަހު ޖުމުލަ އަދަދު ކަަށަވަރު ކުރާނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި ބީޗް ސައިޑްގެ 34 ގޯތި ވިއްކުމަށެވެ.

އޭގެ ތެރެއިން ބީޗް ފްރަންޓްގެ 26 ގޯތީގެ ބީލަން ކުރިއަށް ދިޔައީ މިއަދުއެވެ.

ބީޗް ފްރަންޓުން ގޯތި ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގު ކަމަށް އެޗްޑީސީން ކަނޑައަޅާފައި ވަނީ، އަކަފޫޓަކަށް 3،900 ރުފިޔާއެވެ. އަދި ބީލަން ފޯމު ވިއްކާފައި ވަނީ 500 ރުފިޔާއަށެވެ.

މީގެ އިތުރުން ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 ރުފިޔާ ކަވަނީ ނަގާފައެވެ.

އެޗްޑީސީން ބުނީ މިފަހަރު ބިން ގަންނަން ހުޅުވާލި ފުރުސަތުގައި އަލަށް ބިން ގަންނަ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ މީހުންނަށް ވެސް އިސްކަންދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި 60 ގޯތީގެ ތެރެއިން ބީޗް ސައިޑުން ވިއްކާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގައެވެ.