ސަރުކާރުން އެމްބިއުލާންސް ފޮނުވަން ކަނޑައެޅި ރަށްތަކުގެ ތެރެއިން އިތުރު 15 ރަަށަކަށް ބޭނުންވާ އެމްބިއުލާންސް އިއްޔެ މާލެ ގެނެސްފިއެވެ.

އެއީ ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްގެން ރާއްޖެ ގެންނަ އެމްބިއުލާންސްތަކެކެވެ.

އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ ހެލްތު މިނިސްޓްރީއާއެކު ހަދައިފައި އޮތް އެއްބަސްވުމުގެ ދަށުން ތިންވަނަ ބެޗުގެ އެމްބިއުލާންސް މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެ އެމްބިއުލާންސްތައް ވީ އެންމެ އަވަހަކަށް ރަށްރަށަށް ގެންދަން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެެ.

އެސްޓީއޯއިން ގަތް ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ދެވަނަ ޝިޕްމަންޓް ގެނައީ ނޮވެމްބަރުގައެވެ. އެ ހުރިޙާ އެމްބިއުލާންސެއް ވެސް މިހާރު ވަނީ ރަށްރަށަށް ފޮނުވައިފައެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު އެއްބަސްވުމެއް ހަދާފައެވެ.

އެއީ ސަރުކާރުގެ ހަރަދުގައި ގަންނަ އެމްބިއުލާންސްތަކެކެވެ. ސަރުކާރުން އަމާޒުކުރީ މިދިޔަ އަހަރު ނިމުމުގެ ކުރިން އެ އެމްބިއުލާންސްތައް ރާއްޖެ ގެންނާށެވެ. ނަމަވެސް އެކަން ވާ ގޮތެއް ނުވިއެވެ.

ބައެއް ރަށްރަށުގައި އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.