ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ގައުމުގެ ވެރިކަން ހަވާލު ކުރުމަށް ގޮވާލައި އެމްޑީޕީގެ އަންހެނުންތަކެއް މިއަދު މުޒާހަރާ ކޮށްފި އެވެ.

އަބުދުﷲ ޝާހިދު ދިރިއުޅުއްވާ ގެކޮޅު، ހ. ރަބީއީމަންޒިލް ކައިރިއަށް އެމްޑީޕީ މެންބަރުން މިއަދު ހަވީރު އެއްވެ، އަޑުއުފުލާފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އަބްދުﷲ ޝާހިދު ވަގުތީ ގޮތުން ހަވާލުވެވަޑައިގެން އަވަސް އިންތިހާބެއް ބޭއްވުމަށެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން އިންތިޒާމްކުރި މިއަދުގެ މުޒާހަރާގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި ގިނަ އަންހެނުންތަކެއް ވަނީ ބައިވެރިވެފަ އެވެ. އަދި އެ މީހުންގެ އަޑުއުފުލުމުގައި ޑރ. ވަހީދުގެ އިސްތިއުފާ އަށް ގޮވުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހަށް ވަހީދަށް ވެދެވަޑައިގަތުމުގެ ފުރުސަތު ނުދިނުމަށް ވެސް އެ މީހުން އަޑުއުފުލި އެވެ.