09 Feb 2022, 13:11
ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ 120 ދޫނި, މަރާލި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އައިސްފިއެވެ.
އެ ދޫނިތައް އިއްޔެ މަރާލާފައިވަނީ އެޓާނީ ޖެނެރަލް (އޭޖީ)ގެ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއާ އެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ, ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހަދައި ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
މިހާރު ގަވައިދުތައް ބުނާގޮތުން ރާއްޖެ އެތެރެ ކުރުން މަނާ ތަކެތި ނައްތާލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގިނަ ބާރުތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި އެފަދަ ދިރޭ ތަކެތި މަރާލުމުގެ ހުއްދަ ވެސް އޮވެއެވެ.
ނަމަވެސް އެގޮތަށް އެތެރެކުރާ ދޫނި މަރާނުލާ އަނބުރާ ފޮނުވާލެވެން ވެސް އޮވެއެވެ.
އެކަމާ ގުޅޭގޮތުން އޭޖީ އޮފީހުން ބުނީ, އެ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ހިލާފަށް އެތެރެކޮށްގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަަރު މަހާއި އަދި ނޮވެންބަރުމަހުގެ ތެރޭގައެވެ. ނަމަވެސް، އެ ދޫނިތައް ކަރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ޚިލާފުވި ފަރާތްތަކާމެދު އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް 'މިހާތަނަށްވެސް އަޅާފައިނުވާކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކަރަންޓީންކުރެވެނުއިރު އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނިއެތެރެކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އަމަލުކުރަން ފެންނަ ކަމަށެވެ.
އެ މައްސަލާގައި ހިމެނޭ ކަރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް އޭޖީ އޮފީހުން ލަފާ ދީފައިވެއެވެ.