09 Feb 2022, 13:07
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރި ޑީސަލިނޭޝަން ސާމާނު ރާއްޖެއަށް ގެނެސްފައިވާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ބުނެފިއެވެ.
އެ އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، މި ސާމާނު ގެނައީ އިއްޔެ ކަމަށެވެ. އަދި، އެއީ ލޮނުފެން މީރުފެނަށް ބަދަލުކުރާ މައިކްރޯގްރިޑް ޕްލާންޓުތަކެއް ކަމަށް ވެސް އެ ޓުވީޓުގައި ވެއެވެ.
މި ސާމާނު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކ.ކާށިދޫ، ޅ.އޮޅުވެލިފުށި، އަދި ރ.އަލިފުށީގައެވެ. ޗައިނާ އެމްބަސީން ބުނީ މި އެހީގެ ސަބަބުން އެރަށްރަށަށް ދިމާވެފައިވާ ސާފު ބޯފެނުގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށެވެ.
މީގެ ކުރިން ވެސް ޗައިނާގެ އެހީގައި ރާއްޖޭގަައި މިފަދަ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ. ދާދި ފަހުން ޗައިނާގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދޭތެރޭ އިތުރު އެއްބަސްވުން ތަކެއްގައި ސޮއިކުރެވުނު ކަން ފާހަގަ ކުރެވެއެވެ.
މި އަހަރަކީ ރާއްޖެއާއި ޗައިނާގެ ސިޔާސީ ގުޅުމަށް 50އަހަރު ފުރޭ ރަންޔޫބީލް އަހަރެވެ.