ރ. މީދު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވަނީ، ދަނޑަށް ބޭނުންވާ ވެލި އެ ރަށުން ނުލިބޭތީ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ލަސްވަނީ ކީއްވެތޯ، މިނިސްޓަރު މަހުލޫފްއާ ލިޔުމުން ސުވާލުކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ސުވާލުގެ ޖަވާބު ލިޔުމުން ދީފައިވާއިރު، މިނިސްޓަރު ވިދާޅުވީ މީދޫގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ނިންމުމަށް ބޭނުންވާ ވެލި އެ ރަށުން ނުލިބޭ ކަމަށެވެ.

ރ. މީދޫ ޓާފް ދަނޑުގެ ސަބް ބޭސް މަސައްކަތް ކުރިއަށް ނުދާތީ ރަށުގެ ޒުވާނުން ނުކުމެ ދަނޑުގައި މިރުސް ގަސް އިންދުމުގެ ތެރެއިން --- ފޮޓޯ / ކިޔުންތެރިއެއް

ދަނޑުގެ މަސައްކަތް ލަސްވާ ސަބަބަކީ މިއީކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ ސަބްބޭސް ނިންމުމަށް ބޭނުންވާ ވެލި އިތުރަށް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމައެހެންމެ ދަނޑަށް ބޭނުންވާ ޓާފް މިހާރު އެ ރަށަށް ގެންގޮސްފައިވާކަމަށާއި ވަށާއި ފާރާއި ފެންސު ޖެހުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރައްވައިފައިވެއެވެ.

ޓާފް ދަނޑުގެ ސަބް ބޭސް މަސައްކަތް ކުރިއަށް ނުދާތީ ރަށުގެ ޒުވާނުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު، ދަނޑުގައި މިރުސް ގަސް އިންދައިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ލަސްވާނަމަ ކެޔޮނިރު އިންދައިގެން ލިބޭ އާމްދަނީން ވެލި ގަނެގެން ނަމަވެސް އެތަނަށް ވެލި ހަމަ ކުރާނެ ކަމަށް ވެސް ޒުވާނުން ބުނެފައިވެއެވެ.