ކުޑަކުއްޖަކު ލައްވައި މަޖުބޫރުން ހަށި ވިއްކުވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހަކު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ކުޑަކުއްޖަކު ލައްވައި މަޖުބޫރުން ހަށިވިއްކުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ސ. ހިތަދޫ، މެރިޑާ، މަރިޔަމް ޝިޒުލީނާއާ ދެކޮޅަށް ހެކިލިބިފައި ނުވާތީ އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.

ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް އާއި ޔޫސުފް ހުސެއިން އަދި ޑރ. އަޒުމިރާލްދާ ޒާހިރު ސޮއިކުރައްވައި މިއަދު އިއްވެވި ހުކުމްގައި ބުނަނީ އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި އެ މައްސަލައިގައި މިހާތަނަށް ކޮށްފައިވާ ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ބަލާ އިރު މަޖުބޫރުން ހަށިވިއްކި ކަމަށް ތުހުމަތުކުރާ ކުއްޖަކީ ޝިޒުލީނާ އާ ގުޅުން ހުރި ކުއްޖެއްކަން އެނގެން އޮންނަ ކަމަށެވެ.

އަދި އެ މައްސަލައިގައި މިހާތަނަށް ތަހުގީގަށް ހެކިބަސް ނެގާފައިވާ ފަރާތްތަކުގެ ތެރޭގައި ޝިޒުލީނާ އާއި ގުޅުން ހުރި މީހުން ހިމެނޭ އިރު އެމީހުންގެ ހެކިބަސްނަގައި ނިމިފައިނުވާތީ، ތަހުގީގު މަރުހަލާގައި އޭނާ ދޫކޮށްލައިފި ނަމަ ހެކިބަސްދޭން ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވައިފާނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީ މިއަދުން ފެށިގެން 15 ދުވަހަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޝިޒުލީނާ ބަންދުކޮށްފައި ބެހެއްޓުމަށް ހުކުމް ކުރާ ކަމަށެވެ.