ގަވައިދާ ޚިލާފަށް ރާއްޖެ އެތެރެ ކުރާ ދިރޭ ތަކެތި މަރާލުމަށް ގަވައިދުތަކުން ދީފައިވާ ހުއްދަތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް، އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ 120 ދޫނި، އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން މަރާލާފައިވާއިރު ގިނަ ބަޔަކު ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވެސް ހިމެނެއެވެ.

މިހާރު ގަވައިދުތައް ބުނާގޮތުން ރާއްޖެ އެތެރެ ކުރުން މަނާ ތަކެތި ނައްތާލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގިނަ ބާރުތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި އެފަދަ ދިރޭ ތަކެތި މަރާލުމުގެ ހުއްދަ ވެސް އޮވެއެވެ.

އެކަމާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ ދޫނިތައް މަރާލުމުގެ ކުރިން އެ އޮތޯރިޓީއާ މަޝްވަރާ ކޮށްފައި ނުވާ ކަމަށާއި އެކަން ކޮށްފައިވާ ގޮތް ކުށްވެރި ކުރާ ކަމަށެވެ.

"އެ އެއްޗެހި ބޭރު ކުރަން ޖެހޭނީ އެގޮތަށް މަރާލެވިގެން ނުވާނެ. އެކަމަކު ޑޮކިއުމެންޓޭޝަންތަކުގައި މައްސަލަތަކެއް ހުރެގެން ބޭރު ކުރަން ހުރަސް ތަކެއް އެޅުނު މިފަހަރު. ބޭރު ކުރަން އުނދަގޫވީމަ ޖެހޭނީ ރާއްޖޭގައި ބަހައްޓައިގެން ރަނގަޅަށް ބަލަހައްޓަން،" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ދިރޭ ތަކެތި ހިމާޔަތް ކުރުމާ ގުޅޭކަންކަމުގައި ގޮތްތައް ނިންމުމުގެ ބާރު އެކި މިނިސްޓްރީތަކަށް ދީފައި އޮންނާތީ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން އެފަދަ ބާރުތައް ކޮންމެވެސް އެއް މުއައްސަސާއަކަށް ދީފައި އޮންނަގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އެކަން [މަރާލެވޭ ގޮތަށް] ގަވައިދުތަކުގައި އޮންނަނީ. އެކަމަކު ރަނގަޅު ގޮތެއް ނޫން އެއީއެއް. އެފަދަ މާއްދާތަކަށް ބަދަލު ގެންނަން ޖެހޭ. އެއަށް ވުރެ ރަނގަޅަށް އެކަން ކުރެވެން ވާނެ،" ނައީމް ވިދާޅުވިއެވެ.

އެ ދޫނިތައް މަރާލާފައިވަނީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ ލިބިފައިނުވާ ދޫނިތަކަކަށް ވުމުންނެވެ. އަދި އެކަން ކޮށްފައިވަނީ އޭޖީގެ ލަފާގެ މަތިން ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.

ނަމަވެސް ފިޝަރީޒް މިނިސްޓްރީން ނިންމާފައިވަނީ އެދޫނިތައް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި މަރާލުމަށެވެ. އަދި އެގޮތަށް ރާއްޖެ ގެންނަ ތަކެތި ގައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ހަދަރުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެ ކުރި ފަރާތުންކަން ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މަރާ ނުލައި ފޮނުވާލަން ވެސް ލަފާ ދިނިން: އޭޖީ

އެކަމާ ގުޅޭގޮތުން އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހުސައިން ހަސަން އިއްޔެ 'ސަން' އަށް ވިދާޅުވީ, އެ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ހިލާފަށް އެތެރެކޮށްގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަަރު މަހާއި އަދި ނޮވެންބަރުމަހުގެ ތެރޭގައެވެ. ނަމަވެސް، އެ ދޫނިތައް ކަރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ޚިލާފުވި ފަރާތްތަކާމެދު އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް 'މިހާތަނަށްވެސް އަޅާފައިނުވާކަން އޭނާ ވިދާޅުވިއެވެ.

"އޭގެ ބަދަލުގައި 'ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު' ގައި ނުހިމެނޭ ދޫނިތައް އެ ލިސްޓަށް އިތުރުކޮށް، 13 ޑިސެމްބަރު 2021 ގައި ގަވާއިދު އިސްލާހު، މިނިސްޓްރީން އާންމުކޮށްފައިވޭ. އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުން މި އޮފީހުގެ ލަފަޔަކަށް މިނިސްޓްރީން އެދިފައިވޭ," ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވިގޮތުގައި އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކަރަންޓީންކުރެވެނުއިރު އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނިއެތެރެކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އަމަލުކުރަން ފެންނަ ކަމަށެވެ.

އެ މައްސަލާގައި ހިމެނޭ ކަރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް އޭޖީ އޮފީހުން ލަފާ ދީފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ.