ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދު މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

މިއަދު ހެނދުނު 08:30 ގައި މަޖިލީހުގައި ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާޒިރުގައި، ރާޝިދަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ހުވާކުރުމަށްފަހު ރާޝިދު ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

ވާދަވެރިކަން ބޮޑު އެ އިންތިހާބުގައި ރާޝިދާ އެންމެ ކައިރިން ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. މި އިންތިހާބުގައި އެންމެ މަދުން ވޯޓު ލިބުނީ އެމްއެންޕީގެ ފަރާތުން ވާދަ ކުރެއްވި އަބްދުލްހާންނާން އިދުރީސް އަށެވެ. އޭނާއަށް ލިބުނީ 323 ވޯޓެވެ.

މަޖިލީހަށް ކުރިމަތި ލެއްވުމުގެ ކުރިން ރާޝިދު ހުންނެވީ ށ. ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ. އަދި އޭނާ އަކީ ފާއިތުވެދިޔަ ތިން ދައުރުގައި އެ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވީ އޭނާއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ.