ޔޫލިން މިންހާއަށް ވިސްނައިދޭން މަސައްކަތް ކުރަމުންދިޔައެވެ. އާހިލްއަކީ އެއްއިރެއްގައިވެސް ޔޫލިންއަށް ކަމުދާ ޒުވާނެއް ނޫނެވެ. ވުމާއެކު އާހިލްއާ މެދު ރަނގަޅަށް ވިސްނުން ވެސްއެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އާހިލްގެ މަޤްސަދާ މެދު އޭނާއަށް އަބަދުވެސް ޝައްކުވެއެވެ. މިންހާދެކެ އެހާ ލޯބިވާނަމަ މިންހާ ޝިޒާންއާ ކައިވެނި ކުރުމުގެ ކުރިން ގައިމު ކޮންމެވެސް ގޮތަކުން އާހިލް މިންހާއާ ބައްދަލު ކުރާނެ ނޫންހެއްޔެވެ؟

ޔޫލިން މިންހާއަށް ވިސްނައިދޭން އެތަކެއް ގޮތަކަށް ވާހަކަ ދެއްކިނަަމަވެސް، މިންހާ ގޮތް ދޫނުކުރާނެކަން އެނގި އެންމެ ފަހުން އޭނާއަށް މަޖުބުރުވީ ކަރު އެލުވައިލާށެވެ. ޝިޒާން ފަދަ މީހަކު ލިބިފައި ހުއްޓާ މިންހާ އާހިލް ކައިރިއަށް ދާނީ މިންހާއަށް ނުވިސްނޭތީ ކަން ޔޫލިންއަށް ޤަބޫލުކުރެވުނެވެ. މިންހާ އޭނާއާ އާހިލްއާ ދެމީހުން ނަގާފައި ހުރި ފޮޓޯތައް ޔޫލިންއަށް ދެއްކުމުންވެސް އެއަށް ބަލައިލާފައި ޔޫލިން އިތުރު އެއްޗެއް ނުބުނެއެވެ. އެކަން މިންހާއަށް ވެސް އިޙްސާސްވީ ކަންނޭނގެއެވެ. އޭނާ ފޯނު ދުރުކޮށްލިއެވެ.

ޔޫލިންވެސް އިތުރަށް ދެން ދެއްކީ އޭނާގެ ކައިވެނީގެ ވާހަކައެވެ. ކައިވެނީގެ ކުލައަކީ ފެހި އަދި ކަޅުކުލަ ކަމުގައި ޔޫލިން ބުނެލިއެވެ. މިންހާވެސް އެ ދުވަހަށް ޚާއްސަކޮށް ހެދުމެއް ފަހަން ޖެހޭނެކަމަށް ޔޫލިން ބުނެލިއެވެ.

"އަހަރެން ދާނަމޭ ލީންގެ ބްރައިޑްސް މެއިޑަކަށް. ތިކަމާ ހާސްވާކަށް ނުޖެހޭނެ." މިންހާ ބުނެލިއެވެ. އޭނާ ޔޫލިންގެ ގައިގައި ބައްދައިލިއެވެ.

"ކައިވެންޏަށްފަހު މިކޮޅުގައި ދޯ އުޅޭނީ. ބައިދަވޭ މަންމަމެން ވެސް އަންނާނެ ދޯ." މިންހާ ޔޫލިންއާ ސުވާލުކޮށްލުމާއެކު ޔޫލިން ބޯ ޖަހައިލިއެވެ.

"އަހަރެން ވަރަށް އުފާވެއްޖެ ލީންއަށް ލީންދެކެ ލޯބިވާ އަދި ލީން ލޯބިވާ މީހާ ލިބޭތީ..." މިންހާ ބުނެލިއެވެ.

"މިންނުއަށް އެނގޭތަ؟ އަސްލު ތިމާ ލޯބިވާ މީހާއަށްވުރެ ތިމާ ދެކެ ލޯބިވާމީހަކާ އެކީ އުޅުނިއްޔާ މާރަނގަޅުވާނެ!" ޔޫލިން އޭނާގެ ހިތަށް އަރަމުން ދިޔަ އެއްޗެއް މިންހާއާ ހިއްސާކޮށްލިއެވެ.

"އަހަންނަށް އުޅެވޭނީ އަހަރެން ވެސް ލޯބިވާ މީހަކާއެކު. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވަންޏާ ކީކުރަން ލޯބިނުވާ މީހަކާ އެކީ އުޅެންވީ؟" މިންހާ ޔޫލިންއަށް ބަލައިލިއެވެ.

"ބައެއްފަހަރު ފެންނަ ކޮންމެ މަންޒަރަކީ ހަޤީގަތަކަށްވެސް ނުވެދާނެ." ޔޫލިން އަނެއްކާވެސް ބުނެލިއެވެ.

"ތިޔެއް ނޫނޭ. މިހާރު ތަނެއް ވެސް ހިފައިފިންތަ؟ ބުނީމެއްނު އައިހަމް ބޭނުންވަނީ ދެމީހުން ވަކިންނޭ އުޅެން." މިންހާ ސުވާލުކޮށްލިއެވެ.

"އާނ. އެކަންތައް ނިންމައިފި. އައިހަމް މަންމަމެންވެސް ވަރަށް ރަނގަޅު." ޔޫލިން ބުނެލިއެވެ. ދެ އެކުވެރިން އެތަކެއް ވާހަކަތަކެއް ދައްކަން ތިއްބެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން ޔޫލިންއާ އައިހަމްގެ ކައިވެނީގެ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. މިންހާ ރީތިވެގެން ނުކުތްއިރު ޝިޒާންވެސް ކޮޓަރިން ނުކުންނަނީއެވެ.

ގަދަ ފެހިކުލައިގެ ދިގު ހެދުމެއްގައި މިންހާ ހުރިއިރު، އޭނާ އުސް ފައިވާނަކަށް އަރާލާފައިވުމުން އެހެންޏާ ހުންނަވަރަށް ވުރެ އިސްކޮޅުން ދިގުކަމަށް ދައްކައެވެ. ހެދުމުގެ މޭމަތި ވިދާ އެސްތަކަކުން ފަޅުފިލުވާލާފައި ވާއިރު، ވާއަތު ފަރާތު ކަކުލާ ހިސާބުން ފަޅާލާފައި ވުމުން އޭނާގެ އެފައިގެ ބޮޑުބައި އޮތީ ހާމައަށެވެ. ހެދުމުގެ އަތް ހިތްގައިމު ޑިޒައިނަކަށް ހަދާލާފައިވާއިރު، އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި، އެހެންޏާ ކުރާވަރަށް ވުރެ ބޮޑަށް މޭކަޕް ކޮށްލާފައިހުރުމުން މިންހާގެ ރީތިކަން ދެގުނަކޮށްދީފައިވެއެވެ. ލޮލުގެ ވަށައިގެން އަނދުން އަޅާލާފައިވުމުން ކަޅުކުލައިގެ އެ ދެލޯ ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާލާފައިވުމުން އެ އެސްފިޔަތަކުގެ ކަޅު ކުލަ އިހުނަށްވުރެ ގަދަ ކަމަށް ދައްކައެވެ. މިންހާ މަޑު ފިޔަވަޅުތައްގައި އައިސް ޝިޒާންގެ ކައިރިއަށް ހުއްޓުނުއިރުވެސް، ޝިޒާންއަށް ހުރެވުނީ ކަޅި ޖަހައިނުލާ މިންހާއަށް ބަލަހައްޓައިގެންނެވެ. މިންހާގެ އެ ރީތިކަން އޭނާ ދީވާނާ ކުރުވަމުން ދިޔައެވެ. ހިތް އެދި ގޮވަން ފެށީ މިންހާ ގެނެސް އޭނާގެ އަތުތެރޭގައި ފޮރުވައިލުމަށެވެ. މިންހާގެ ގައިގައި ބައްދައިލުމަށެވެ. އެހެންނަމަވެސް ޝިޒާން ކެތްތެރިވިއެވެ.

ޝިޒާން ލާފައިހުރީ ފެހިކުލައިގެ ގަމީހެކެވެ. ކަޅުކުލައިގެ ފަޓްލޫނެއް ލާފައި އެއާ ގުޅުވައިގެން ކަޅުކުލައިގެ ޓައީއެއް އަޅާލައިގެން ހުރުމުން ހިތްގައިމު ގޮތެއް ހުއްޓެވެ. ގަމީހުގެ އަތްކުރި އޮޅަބުއްޓާ ހިސާބަށް އޮޅާލާފައިވުމުން އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު، އޭނާގެ އެ ޓާކިޝް ގްރީން ކުލައިގެ ދެލޮލުން އާދަޔާ ޚިލާފް ވިދުމެއް ފާޅުވަމުން ދިޔައެވެ. މިންހާއަށް ވެސް އިރުކޮޅަކު ޝިޒާންއަށް ބަަލަން ހުރެވުނެވެ. ބޭ އިޚްތިޔާރުގައި އޭނާއަށް ޝިޒާންގެ އެ ދެލޮލަށް ތައުރީފް ކޮށްލެވުނެވެ. އެއީ މީގެކުރިން އޭނާ ދުވަހަކުވެސް ދެކެފައިނުވާފަދަ ތޫނު ދެލޮލެކެވެ. ޝިޒާން އޭނާއަށް ކަޅި ޖަހާނުލާ ބަލަން ފެށުމުން މިންހާ އެ ނަޒަރު ވަކިކޮށްލަމުން ދާން ހިނގާށޭ ބުނެލިއެވެ. ޝިޒާންއަށް ހޭވެރިކަން ވީ ދެނެވެ. އޭނާއަށް އެ ހުރިހާއިރު، މިންހާއަށް ގެއްލިފައިހުރިކަން ރޭކާލީ ޝިޒާން ދުރުބަލައިލަމުން ކަރުކެހިލިއެވެ. އެއަށްފަހު އޭނާ ހިނގައިގަތެވެ.

ދެމީހުން ސިޑިން ފައިބައިގެން ގޮސް ކާރަށް އެރިއެވެ. ދުއްވަން އިނީ ޝިޒާންއެވެ. މިންހާ އިތުރު އެއްޗެއް ނުބުނި ނަމަވެސް، އޭނާއަށް އިރުއިރުކޮޅަކާ ޝިޒާންއަށް ބަލައިލެވެއެވެ. ޝިޒާން މިރޭ ވަރަށް ރީއްޗެވެ. މި ޒަމާނުގެ ކުދިން ބުނާގޮތުންނަމަ ސްމާރޓްވެފައި ވަރަށް ހޭންޑްސަމްއެވެ. އެއީ އޭނާއަށް ދެބަސްވެވެން ނެތް ހަޤީގަތެއްކަން މިންހާއަށް ފަހުމްވިއެވެ. އެކަމާ ކިތަންމެ ދެކޮޅު ހަދަން އޭނާ މަސައްކަތް ކުރިނަމަވެސް، މިރޭ އޭނާގެ ހިތްވެސް އޭނާއާ އެއްބަހެއް ނުވިއެވެ. ސިކުނޑި އެ ވިސްނައިދެނީ ރަނގަޅު ވާހަކައެއްކަމުގައި އެ ހިތް އޭނާއަށް ބުނެދޭން މަސައްކަތް ކުރާފަދައެވެ.

"މިންހާ!... ކޮންޓްރޯލް..."

"ކޮންޓްރޯލް ވަޓް؟" މިންހާ ސިހުނީ ޝިޒާން ވާހަކަ ދެއްކުމާ އެކުގައެވެ. ހިތުގައި އޮތް އެތި ދުލުން ބޭރުކޮށްލެވުނުކަން މިންހާއަށް އިޙްސާސްވީ ދެނެވެ. އޭނާއަށް ކުއްލިއަކަށް ޝިޒާންއަށް ބަލައިލެވުނެވެ. އޭރު ޝިޒާންވެސް މަގަށް ބަލަން އިނުމަށްފަހު، އޭނާއަށް ބަލައިލަނީއެވެ. އެ ނަޒަރު ބައްދަލުވީ ހިނދުކޮޅަކަށެވެ. ޝިޒާން ދުއްވަން އިނީތީ އޭނާ އަވަސް އަވަހަށް އެ ނަޒަރު މަގުމައްޗަށް ސީދާކޮށްލިއެވެ.

"ކިހިނެއްވީ؟" މިންހާ އެއްޗެއް ނުބުނުމުން ޝިޒާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ކަމެއް... ކަމެއްނުވޭ..." މިންހާއަށް ޖެހިލުންވެފައި ބުނެވުނެވެ.

"ދެން ކީއްވެ މިރޭ އަހަންނަށް މާ ވަރަކަށް ތި ބަލަނީ؟" ޝިޒާންއަށް އެކަން ފާހަގަވީ ނަމަވެސް، އޭނާ އިނީ އެހެން ނުބުނަން ވެގެންނެވެ. އެހެންނަމަވެސް ވާހަކަ ދައްކަން ފުރުސަތެއް ލިބުމާއެކު އޭނާ ލާނެތް ގޮތަކަށް އެހެން ބުނެލީ މިންހާ ލަދު ގަންނުވައިލުމުގެ ބޭނުމުގައެވެ.

"އަހަންނެއް ނުބަލަން." މިންހާ އަވަސް އަވަހަށް ބުނެލިއެވެ.

"އަހަންނަށް ހީވިގޮތްތަ؟" ޝިޒާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އާނ. އެއީ ޝިޒާންއަށް ހީވިގޮތް." މިންހާ އަނެއްކާވެސް ބުނެލިއެވެ. ކައިވެނި އޮތީ އަވަރ ޕެލެސް ކިޔާ ދާދިފަހުން ހުޅުވި ހޮޓެލްއެއްގެ ޓެރެސްމަތީގައެވެ. އެ ހިސާބަށް އާދެވުމުން ޝިޒާން ތިރީގައި ކާރު ޕާކުކުރަން ހަދާފައިވާ ތަނުގައި ކާރު ޕާކުކޮށްލިއެވެ. އޭނާ ކާރުން ފޭބިއިރުވެސް މިންހާއަށް އިދެވުނީ ވިސްނުމަކަށް ގެއްލިފައެވެ. ޝިޒާންއާ މެދު އޭނާއަށް އެހާ ވަރަށް އެ ވިސްނެނީ ކީއްވެގެންކަން ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެ ހިތް ބޭނުންވަނީ ކޯންޗެއްހެއްޔެވެ؟ މިންހާ އަމިއްލަ ހިތާ ދިމާލަށް ވެސް އަޑުލިއެވެ.

"ނުފައިބާނަންތަ މިންހާ؟" ސިހުނީ އޭނާ އިން ފަރާތު ދޮރު ހުޅުވާލާފައި ޝިޒާން ވާހަކަ ދެއްކުމާ އެކުގައެވެ.

"އާ. އާ. ކީކޭ؟" މިންހާއަށް އަނެއްކާވެސް ބުނެވުނެވެ.

"މިރޭ ކިހިނެއްވެފަ ތި އިނީ؟ ހާދަ ނާވަސްވެފަ. ކައިވެނި ކުރަނީ މިންހާއެއް ނޫނޭ... ލީންއޭ... އަހަރެން ބުނީ ނުފައިބާނަންހޭ؟" ޝިޒާން ބުނެލިއެވެ.

"މި ފައިބަނީ." މިންހާ ކާރުން ފޭބިއެވެ. އެ ގަޑީގައި އޭނާގެ ހެދުމުގެ ފަސްބަޔަށް ފައިން އެރިފައި އަރި އަޅައިލާ ގޮތްވިއެވެ. ޝިޒާން ހުޝިއާރުކަމާއެކު، މިންހާގެ އުނަގަނޑުގައި ހިފައްޓާފައި އޭނާއާ ދާދިގާތަށް ދަމައިލުމާއެކު، މިންހާ އައިސް ތަތްވީ ޝިޒާންގެ މޭމަތީގައެވެ. އެއާއެކު ޝިޒާޏް ޖަހާފައިހުރި ސެންޓުގެ މީރުވަސް މިންހާގެ ނޭފަތުގައި ޖެހުނެވެ. އެއާއެކު އޭނާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ.

މިންހާ އެހާ ގާތުން ފެނުމުން މިރޭ ޝިޒާންއަށް އޭނާގެ އިޙްސާސްތައް ކޮންޓްރޯލްކުރަން ދަތިވިއެވެ. މިންހާ ދޫކޮށްލާހިތެއް އޭނާ ނުވިއެވެ. އެގޮތުގައި އެކަކު އަނެކަކުގެ އަތުތެރޭގައި އިރުކޮޅެއް ފާއިތުވެދިޔަ ފަހުން، މިންހާ ދުރަށް ޖެހިލަން އުޅުނުނަމަވެސް، ޝިޒާން އެ ފުރުސަތެއް މިންހާއަކަށް ނުދިނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި މިންހާ އޭނާއާ އިތުރަށް ކައިރިކޮށްލެވުނެވެ.

"ޝިޒާން. ކީއްތިކުރަނީ؟" މިންހާއަށް ސުވާލުކޮށްލެވުނެވެ. ޝިޒާން މިންހާގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. ހަމައެއާއެކު ނިކަން އަވަސް އަވަހަށް އޭނާ މިންހާ ދުރުކޮށްލިއެވެ.

"ސޮރީ..." އަމިއްލަ ނަފްސު ކުށްވެރިކުރަމުން މީހާ ހަމައަކަށް އަޅުވަމުން ޝިޒާން މާފަށް އެދުނެވެ. އެއަށްފަހު އޭނާއާ އެކު އައުމަށް އިޝާރާތް ކުރަމުން ހިނގައިގަތެވެ.

މިންހާވެސް ޝިޒާންގެ ފަހަތުން ގޮސް ހޮޓެލް ތެރެއަށް ވަނެވެ. ހޮޓެލްގެ ރިސެޕްޝަން އޭރިޔާގައި ފުދޭވަރަކަށް މީހުން ގިނައެވެ. އެއްލި ކަޅިއަކުން އެތަނުން އޭނާއަށް އާހިލް ފެނުނުހެން މިންހާއަށް ހީވިއެވެ. އޭނާ ޝިޒާންއާ ދުރަށް ޖެހިލާ ވަށައިގެން ނަޒަރު ހިންގަމުން ދިޔައެވެ. އެކި ދިމަދިމާ މިންހާ ބެލިއެވެ. ސިހުން ލިބުނީ ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ޖައްސައިލުމުންނެވެ.

(ނުނިމޭ)