އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ބާންލީ އިން ފަހަތުން އަރައި ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ ބައްޔާއެކު ޔުނައިޓެޑް ވަނީ ޕޮއިންޓް ތާވަލްގެ ފަސް ވަނައަށް ވެއްޓިފައެވެ.

ރޭގެ މެޗު ޔުނައިޓެޑުން ފަށާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމަނައެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ރަފައެލް ވެރާން ގޯލެއްޖެހި ނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ.

ޔުނައިޓެޑުން ބާންލީގެ ގޯލަށް ހަަމަލާތަކެއް އުފައްދަމުން ގޮސް މެޗުގެ 18 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނެގިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ލޫކް ޝޯ ތިރިތިރިން ނަގައިދިން ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ޕައުލް ޕޮގްބާއެވެ.

އޭގެ ހަތަރު މިނެޓު ފަހުން ޔުނައިޓެޑުން އަނެއްކާވެސް ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ޕޮގްބާ ބާންލީގެ ބެން މީ އަށް ފައުލް ކުރި ކަމަށް ބުނެ ރެފްރީ ވަނީ ގޯލް ބަލައިނުގަންނަން ނިންމާފައެވެ.

ފުރަތަމަ ހާފު ނިމުނީ 1-0 އިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ބާންލީ އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ވޮއުޓް ވެފްރޯސްޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކުރީ ޖޭ ރޮޑްރިގޭސް އެވެ. އެނާ މި ލަނޑު ޖެހީ ޔުނައިޓެޑްގެ ގޯލް އޭރިޔާ ތެރެއިން ދެ ޑިފެންޑަރުން ކައިރިން ނައްޓައި، ކީޕަރުގެ އަތް ދަށުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ބާންލީގެ ލަނޑަށްފަހު އެ ޓީމުން ދިޔައީ މެޗުގެ ކޮންޓްރޯލް ނަގައި ޔުނައިޓެޑްގެ ގޯލަށް އިތުރު ހަމަލާތަކެއް ފޮނުވަމުންނެވެ. ބާންލީގެ ހަމަލާތައް ހުއްޓުވުމުގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ހެރީ މެގުއެއާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ޔުނަޓެޑުން އެ ޓީމުގެ ފުރަަތަމަ ބަދަލު ގެނައެވެ. އެޑިސަން ކަވާނީގެ ބަދަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ކުޅެން ނިކުމެފައެވެ. އަދި 69 ވަނަ މިނެޓުގައި ބާންލީގެ ފުރަތަމަ ބަދަލު ގެނައީ މެކްސްވެލް ކޯނެޓްގެ ބަދަލުގައި އާރޮން ލެނޮން ކުޅެން އަރުވައިގެންނެވެ.

މެޗުން މޮޅުވުމަށް ޔުނައިޓެޑުން މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް އިތުރު ލަނޑެެއް ކާމިޔާބެއް ނުކުރެވުނެވެ. ޔުނައިޓެޑްގެ ހަމަލާތަކުގެ ހުރަހަކަށްވީ ބާންލީގެ ޑިފެންޑަރުންނެވެ.

ރޭގެ އެހެނިހެން މެޗުތަކަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 3-1 އެވަޓަން ބަލިކޮށްފައެވެ. އަދި ވެސްޓް ހަމް ޔުނައިޓެޑުން ވަނީ 1-0 އިން ވަޓްފޯޑް ބަލިކޮށްފައެވެ.