09 Feb 2022, 01:08
މާލެއިން 1،000 ޕާކިން ސްލޮޓް ވިއްކަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ޕާކު ކުރާނެ ޖާގަ ވިއްކަން ނިންމީ މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
ހަތަރު ފޮރޮޅުލީ އުޅަނދު ފަހަރު ޕާކު ކުރާނެ ޖާގަ ނެތުމުން 80،000 ރުފިޔާއަށް ގަރާޖު ސިޓީ ގަންނަން މަޖުބޫރުވެފައިވާކަން ފާހަގަ ކުރައްވައި ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެހާ ބޮޑު އަގުގައި ގޭގެއިން ގަންނަ ޖާގަ ގިނަ ފަހަރު އެމީހާއަށް ނުލިބޭ ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލާ އެގްރިމެންޓެއް ހަދައިގެން ލިބޭ ގަރާޖު ސްލޮޓަކީ ވެހިކަލްގެ އުމުރަށް އެ ވެހިކަލް ބާއްވަން ޔަގީންކަމާއެކު ދެވޭ ސްލޮޓެއް. އަދި ބިލްޑިންގް އަޅާފައި ބިލްޑިންގް ތެރެއަށް ސްލޮޓް ބަދަލު ކުރުމުގެ ފުރުސަތު ދެވޭނެ،" އޮފިޝަލް ވިދާޅުވިއެވެ.
ކައުންސިލުން ބުނިގޮތުގައި ޕާކިން ސްލޮޓްތަކުގެ 25 ޕަސެންޓް ހާއްސަ ކުރާނީ ޓެކްސީ ތަކަށް ކަމަށެވެ. އަދި 1،000 ސްލޮޓްގެ ތެރެއިން 250 ސްލޮޓަކީ ޓެކްސީ ތަކަށް ހާއްސަ ކުރާ ސްލޮޓްތަކެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
"ޕާކިން ސްލޮޓްތައް ކުރަހާނީ މާލެއިން ވިހި ފޫޓަށް ވުރެ ފުޅާ މަގުތަކުގެ ތެރެއިން ސައިކަލް ޒޯނަކަށް ނާރާ ގޮތަށް އަދި ޓްރެފިކަށް ވެސް ބާރު ބޮޑު ނުވާ ގޮތަށް،" ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވިއެވެ.
ޕާކިން ސްލޮޓް ތަކަށް އެދެން ޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ހުށަހަޅާ ޑޮކިއުމަންޓްތައް ވެރިފައި ކުރުމަށް ފަހު ފައިސާ ދައްކަންޖެހެނީ ބަޑޭރި ޕޭ މެދުވެރިކޮށެވެ. އަދި އެއަށްފަހު އެގްރީމެންޓް ހަދާނެއެވެ.
ކައުންސިލުން ބުނީ އެކަމާބެހޭ ރަސްމީ އިއުލާން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ކުރާނެ ކަމަށެވެ. އަދި އޮންލައިން ޕޯޓަލް ވެސް ހުޅުވާލާނެ ކަމަށް ކައުންސިލުން ބުންޏެވެ.