މާލެ ހުޅުމާލެ ބްރިޖް އަދި ހައިވޭ މަތިން މިރޭ ތިން އެކްސިޑަންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔާ ބުނީ ފުރަތަމަ އެކްސިޑެންޓަކީ މަޑުކޮށްފައި އޮތް ކާރެއްގެ ފަހަތުގައި ހުރި މީހެއްގެ ގައިގައި ފަހަތުން އައި ކާރެއް ޖެހުމުން ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި އެ މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް ނޫސްވެރިޔާ ބުންޏެވެ. އެ އެކްސިޑެންޓް ހިނގީ މިރޭ 11:00 ހާއިރުއެވެ.

ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ދެ ކާރުގެ ތެރެއިން ފަހަތުން ދުއްވާފައިދިޔަ ކާރު ކުރިމަތީގައި އޮތްކާރުގައި ޖެހި ވެސް މިރޭ އެކްސިޑެންޓެއް ހިނގިއެވެ.

ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓަކީ މިރޭގެ ތިންވަނަ އެކްސިޑެންޓެވެ. އެ އެކްސިޑެންޓުގައި އެއް ލޭނުން ދުއްވާފައި ދިޔަ ދެ ސައިކަލުގެ ތެރެއިން ފަހަތުން ދިޔަ ސައިކަލު ކުރިމަތީގައި އޮތް ސައިކަލުގައި ޖެހުނީ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.