12 Mar 2012, 21:01
މާފަންނުގައި ހުރި ބިއުޓީ ޕާލާއެއްގައި ހަށިވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި އެތަނުގައި ތިބި 10 ބިދޭސީ އަންހެނުންނާ އެކު ތިން ދިވެއްސަކު މިރޭ ހައްޔަރުކޮށްފި އެވެ.
ހަށިވިއްކަމުން ދިޔަ ކަމަށް ޝައްކުކުރެވިގެން މިއަދު ހެނދުނުން ފެށިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި މާފަންނު ވީބީ މާޓް ފިހާރަ ހުންނަ "ޝެރިން" ގޭގައި ހިންގާ ނެޗުރަލް ބިއުޓީ ކެއާ (އެންބީސީ) ޕާލާއަށް ފުލުހުން ވަނީ މިރޭ އިރާކޮޅު އެވެ. ޝެރިންގޭގެ ދެ ވަނަ ފަންގިފިލަ އާއި ތިން ވަނަ ފަންގިފިލާގައި ހިންގާ އެންބީސީ ޕާލާއަށް ފުލުހުން ވަނީ އެތަނުގެ ދޮރު ހަލާކުކޮށްލައިގެންނެވެ.
ޕާލާގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަން ފުލުހުން ބުނީ ފުލުހުން އެތަނަށް ވަތް އިރު ބަދުއަހުލާގީ އަމަލް ހިންގިތައް ފެނިފައިވާ ކަމަށެވެ. އަދި ކުށުގެ ވެށިން، ކުށްކުރަނިކޮށް ހައްޔަރު ކުރި ބިދޭސީ 10 އަންހެނުންނާ އެކު ހައްޔަރު ކުރި ތިން ދިވެހި ފިރިހެނުންނަކީ އެތަނުން އެވަގުތު "އެ ހިދުމަތް" ހޯދަމުން ދިޔަ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި ހައްޔަރު ކުރި 10 ބިދޭސީ އަންހެނުންނަކީ ތައިލެންޑްގެ ޒުވާން އުމުރުގެ ކުދިން ނެވެ.
ޕާލާގެ ދޮރުވައްޓާލައި ފުލުހުން އެތަނަށް ވަން އިރު، ބިއުޓީ ޕާލާ ހިންގާ ވެރިފަރާތް ވެސް އެތަނުގެ ތެރޭގައި ހުއްޓެވެ. ނަމަވެސް ފުލުހުން އެތަނަށް ވަނުމާ އެކު އެތަނަކުން ނުކުމެގެން އެ މީހާ ދިއުމާ އެކު، އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ.
ހަށިވިއްކަނިކޮށް ފަޅާއަރައިގެން އެތަނުގެ ތެރެއިން މީހުން ހައްޔަރު ކުރަންފެށުމާ އެކު އެ މައްސަލައިގެ ހަސްމުންގެ ދިފާއީ ވަކީލަކު ވަނީ ތަނުގެ ތެރެއަށް ވަދެ ފުލުހުންނާ ވާހަކަ ދައްކައިފަ އެވެ. ނަމަވެސް ކުށުގެ ވެށިން ހެކިތަކާ އެކު، މީހުން ހައްޔަރު ކުރަމުންދާ ކަމަށް ފުލުހުން ބުނުމާ އެކު އޭނާ ވަނީ އެތަނުން ނުކުމެގެން ގޮސްފަ އެވެ.
ފުލުހުން ބުނީ މައްސަލާގައި ތަފްސީލީ މައުލޫމާތު ފަހުން މީޑިއާއާ ހިއްސާ ކުރާނެ ކަމަށެވެ.
ހަށިވިއްކާ މަސާޖު ޕާލާތައް ފަހަކަށް އައިސް ފުލުހުން ދަނީ ބަންދުކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް ވަނީ މަސާޖު ޕާލާއެއް ބަންދުކޮށް ތައިލެންޑް ކުދިންތަކެއް ހައްޔަރުކޮށްފަ އެވެ.