ފާއިތުވީ 24 ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރި 1،756 ސާމްޕަލްގެ ތެރެއިން 351 މީހުން އަލަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް ޓެސްޓްކުރި 4،972 ސާމްޕަލް ތަކުގެ ތެރެއިން މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 1502 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން 817 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 163 މީހުންނެވެ.

މިއަދާ ހަމައަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 153،415އަށް އަރާފައެވެ.

ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު 16،368 މީހަކު ތިބިއިރު އޭގެ ތެރެއިން 62 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައި އޮތް އުމުރުން 77 އަހަރުގެ އަންހެނަކު މިއަދު ހެނދުނު ވަނީ މަރުވެފައެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑްގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 285އަށް އަރައިފައެވެ.