ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ 120 ދޫނި މަރާލާފައިވާއިރު, އެ ދޫނުތައް މަރާ ނުލައި ރާއްޖެއިން ބޭރަށް ފޮނުވާލެވިދާނެ ކަމަށް ލަފާދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ ދޫނިތައް މިއަދު މަރާލާފައިވަނީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ ލިބިފައިނުވާ ދޫނިތަކަކަށް ވުމުންނެވެ. އަދި އެކަން ކޮށްފައިވަނީ އޭޖީގެ ލަފާގެ މަތިން ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ދޫނިތަކަކީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު" ގައި ނުހިމެނޭ ދޫނިތަކެއް ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.

ނަމަވެސް ފިޝަރީޒް މިނިސްޓްރީން ނިންމާފައިވަނީ އެދޫނިތައް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި މަރާލުމަށެވެ. އަދި އެގޮތަށް ރާއްޖެ ގެންނަ ތަކެތި ގައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ހަދަރުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެ ކުރި ފަރާތުންކަން ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހުސައިން ހަސަން 'ސަން' އަށް ވިދާޅުވީ, އެ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ހިލާފަށް އެތެރެކޮށްގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަަރު މަހާއި އަދި ނޮވެންބަރުމަހުގެ ތެރޭގައެވެ. ނަމަވެސް، އެ ދޫނިތައް ކަރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ޚިލާފުވި ފަރާތްތަކާމެދު އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް 'މިހާތަނަށްވެސް އަޅާފައިނުވާކަން އޭނާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި 'ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު' ގައި ނުހިމެނޭ ދޫނިތައް އެ ލިސްޓަށް އިތުރުކޮށް، 13 ޑިސެމްބަރު 2021 ގައި ގަވާއިދު އިސްލާހު، މިނިސްޓްރީން އާންމުކޮށްފައިވޭ. އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުން މި އޮފީހުގެ ލަފަޔަކަށް މިނިސްޓްރީން އެދިފައިވޭ," ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވިގޮތުގައި އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކަރަންޓީންކުރެވެނުއިރު އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނިއެތެރެކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އަމަލުކުރަން ފެންނަ ކަމަށެވެ.

އެ މައްސަލާގައި ހިމެނޭ ކަރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް އޭޖީ އޮފީހުން ލަފާ ދީފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ.