12 Mar 2012, 19:21
ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު ޢަލީ ސޯލިހާއި އެ ޕާޓީގެ ރަޖިސްޓްރާ، ހޯރަފުށީ މުހައްމަދު ސަލީމަށް ޑެޕިޔުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ.
ސަލީމު ހަމަޖެއްސެވީ ހޯމް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށެވެ. އަލީ ސޯލިހު ހަމަޖެއްސެވީ ފިޝަރީޒް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށެވެ.
ރައީސުލް ޖުމްހޫރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ ދެ ބޭފުޅުން މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައި ވަނީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތެއްގަ އެވެ.
މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު ކަމުގެ މަގާމަށް ހއ. އިހަވަންދޫ ވައިޖެހޭގޭ އަހުމަދު ޝަފީއު ރައީސުލް ޖުމްހޫރިއްޔާ މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ޔޫތު މިނިސްޓަރުގެ ނައިބު ކަމަށް ވެސް ބޭފުޅަކު ހަމަޖައްސަވައިފަ އެވެ. އެ މަގާމަށް ހަމަޖެއްސެވީ ޖުމުހޫރީ ޕާޓީގެ މެންބަރު ނާއިފް ޝައުކަތު އެވެ.