ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރުމަށް މިއަދު މަޝްވަރާ ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޝެއިޚް މުހައްމަދު ބިން އަބްދުލްކަރީމް އަލްއީސާ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް ވިދާޅުވީ ރާބިތާއާ ގުޅިގެން މަސައްކަތް ކުރެވޭނެ ގިނަ ދާއިރާތަކަކާ މެދު މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ.

އޭގެތެރެއިން ރާބިތާގެ ރެޕްރެޒެންޓޭޓިވް އޮފީހެއް ރާއްޖޭގައި ގާއިމުކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އިސްލާމް ދީނުގެ ސައްހަ އަގީދާ ފެތުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، އިމާމުން އިތުރަށް ތަމްރީނުކުރުމަށް ޕްރޮގުރާމްތަކެއް ހިންގުމަށް މަޝްވަރާ ކުރެވުނުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި މެދު ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ވަނީ ނިޝާން ކަލާފާނުގެ އިއްޒަތް އޭނާއަށް އެރުވުމަކީ ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވިދާޅުވެފައެވެ.

އަދި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ވެރިންނާއެކު މުހިއްމު ކަންކަމުގައި މަޝްވަރާ ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ޓެރަރިޒަމާއި، ހައްދުފަހަނައަޅައި ދިޔުން އަދި އިސްލާމްދީނާމެދު އުފައްދާ ނަފްރަތު ހުއްޓުވުމާ ބެހޭ ގޮތުން ކުރި މަޝްވަރާތައް އޭނާ ފާހަގަކުރެއްވިއެވެ.

ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި މާދަމާ ދަރުހެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.