08 Feb 2022, 19:21
މަސްތުވާތަކެތީގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މެދުނުކެނޑި ހިންގަމުންދާ ކަމަށާއި އޭގެ ފަހަތުން އަންނަ ބޮޑެތި ކުށްތަކުގެ ސަބަބުން މުޅި މުޖުތަމައު އަބާއްޖަވެރިވެ، ނުތަނަވަސް ކަމާއި ހިތްހަމަނުޖެހުމުގެ ތެރެއަށް ވެއްޓޭ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ބ. ގޮއިދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ޓަކައި ގާއިމްކުރި ފުލުހުންގެ ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެމަނިކުފާނު ވިދާޅުވީ މީގެ އެތަކެއް އަހަރު ކުރިން ފަށައިގެން ރާއްޖެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާއަކީ މަސްތުވާތަކެތި ކަމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް މި ނުރައްކާތެރި ވަބާގެ އަސަރު މިއަދު ކޮށްފައިވާ ކަމަށެވެ.
"ރައްޔިތުންނަށް އަމާން ކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން މެނުވީ ރައްޔިތުންނަށް އިގްތިސޯދީ ފުދުންތެރިކަމާއި، އިޖުތިމާއީ ދުޅަހެޔޮކަމެއް ނާންނާނެ،" އިމްރާން ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތް ބައްޓަން ކުރަން ޖެހޭނީ މަސްތުވާތަކެތީގެ ފަހަތުގައި ތިބި ނުރައްކާތެރި މީހުން އެ ކުރާ ކަންކަމަށް ވިސްނައިގެންކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެވޭނީ އެގޮތުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ދިވެހި ރައްޔިތުންނަކީ ސުލްހަ މަސަލަސްކަމާއި ހަމަހިމޭން ކަމަށް ލޯބިކުރާ ބައެއްކަމަށެވެ. އަދި ވިދާޅުވީ އެކަން ނެތިދާން ފަށާފައި ވަނީ މުޖުތަމައު އާއި ގައުމުގެ މަސްލަހަތަށް ބެލުމެއް ނެތި ބަޔަކުމީހުން ކުރާން ފެށި ޑްރަގް ވިޔަފާރީގެ ސަބަބުން ކަމަށެވެ.
"މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ތިބުމުގެ އެންމެބޮޑު ބޭނުކަށް ވާންޖެހޭނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން. އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ ޑްރަގްގެ ނުރައްކާ މި ގައުމުން ފޮހެލެވިގެން،" އިމްރާން ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ ފުލުހުންގެ ހިދުމަތް މުޅި ރާއްޖޭގައި ފުޅާވެ، ބޭނުންވާ ހެޔޮ ބަދަލުތައް އަންނަމުންދަނީ އެތައް ގޮންޖެހުންތަކަކާ އެކީގައި ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަކީ ގޮންޖެހުން ބޮޑު ހިދުމަތެއް ކަމަށެވެ.