ކޮވިޑް ޖެހިގެން ރާއްޖޭން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 77 އަހަރުގެ އަންހެނަކު މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 285އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން މި މަހު މިހާތަނަށް ނިސްބަތުން ދުވާލަކު މީހަކު ވަނީ މަރުވެފައެވެ. އެގޮތުން މި މަހު މިހާތަނަށް ކޮވިޑްގައި ޖުމްލަ އަށް މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭން ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އެ މަހު ކޮވިޑް ޖެހިގެން 89 މީހަކު މަރުވިއެވެ. އަދި އެ މަހު އެއް ދުވަހެއްގައި 13 މީހަކު ވެސް ކޮވިޑްގައި ވަނީ މަރުވެފައެވެ.

މިއަދާ ހަމައަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 151،913އަށް އަރާފައެވެ.

ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 16،775 މީހުންނެވެ. އޭގެ ތެރެއިން 60 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.