ޖަޕާނު ސަރުކާރުން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 250 މިލިއަން ޖަޕަނީޒް ޔެން ]40 މިލިއަން ރުފިޔާ[ގެ ހިލޭ އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި ޖަޕާނު ސަރުކާރާއި ރާއްޖެއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނޮބުހީޓޯ ހޯބޯ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުގެ އެ އެހީ ބޭނުން ކުރާނީ ރާއްޖޭގެ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށާއި މާލެ ހެލްތު ކޯޕަރޭޝަންއާއި މޯލްޑިވެސް ޕޮލިޓެކްނިކަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށެވެ.